މަސްވެރިންގެ ގައުމީ ދަފްތަރާގުޅޭ ގަވާއިދު މި ހަފްތާގައި ގެޒެޓް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގާފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެހެން ވަޒީފާތައް އަދާކުރާ މީހުންނަށް އޮންނަ ފުރުސަތުތައް މަސްވެރިންނަށް ނުލިބޭ ކަމުގެ ޝަކުވާ އެބައޮތްކަމަށެވެ. ރައީސް ވިދާޅުވީ މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ނުބަލާތީ ބޭންކުތައް މެދުވެރިކޮށް އެ މީހުންނަށް ލޯނު ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިންގެ ފަރާތުން ލިބޭކަމަށެވެ.
އެހެންކަމުން މަސްވެރިންގެ މި ކަންބޮޑުވުންތައް އަޑުއަހައި މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މަސްވެރިންގެ ދަފްތަރެއް އެކުލަވާލައި އެމީހުންނަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ އަހަރުގެތެރޭގައި ކުރެވިފައިވާކަމަށެވެ. އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގަވާއިދެއް ވެސް މިހާރު ހަދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ގަވައިދު އަންނަ ބުރާސްފަތި ދުވަހު ގެޒެޓް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު ގަވާއިދު ވެސް ހަދައި ނިމި މި ހަފްތާ ނިމުމުގެ ކުރިން، ބުރާސްފަތި ދުވަހު މަސްވެރިންގެ ދަފްތަރުގެ ގަވާއިދު ގެޒެޓްކުރެވޭނެ. މިހާރު ދަފްތަރު ރެކޮގްނައިޒްކުރުމުގެ މަސައްކަތް މިނިސްޓްރީން ބޭންކްތަކާ ގުޅިގެން ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޤަވާއިދު އާންމު ކުރެވި އެ ޤަވައިދަށް އަމަލުކުރަން ފެށުމުން ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކްގެ ފެސިލިޓީތަކުން ވެސް ފުރުސަތު ލިބޭނެ ކަމަށާއި މަސްވެރިންނަށް އެސްޓީއޯގެ ސްކީމުތަކުން ވެސް ފުރުސަތު ފަހިވެގެން ދާނެކަމަށެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލައިފައިވަނީ އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމަށެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މިސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރުގެ އިތުރުން ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސަވާނޭކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.