ޚަބަރު

ދަނޑުވެރިކަމުގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ


  • ކާށިދޫ ކައުންސިލުންވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައި

  • އަދި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންތައްތައްވެސް ކައުންސިލުން ހިއްސާކުރެއްވި

ދަނޑުވެރިކަމުގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާލެއަތޮޅު ކާށިދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ގާފަރު ކައުންސިލް އިދާރާގައި މިއަދު ބޭއްވި މިބައްދަލުކުރެއްވުމުގައި ކާށިދޫ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ރަށުގެ ބަނދަރުގެ ހާލަތު ބަޔާންކޮށްދެއްވައި އެކަމުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރެއްވިއެވެ. އަދި ސިއްޙީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވައި އެކަންކަމަށް ޙައްލު ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާކަން ފާހަގަކުރައްވައި ކައުންސިލުން މިކަން ކުރިއަށްގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު ކާށިދޫގެ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރައްވާނެ މަސައްކަތްތައް، މިބައްދަލުވުމުގައި ކައުންސިލުން އޮޅުންފިލުއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކާށިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ކުރިއަށް އޮތް ދައުރުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އޮންނާނެ ގޮތާގުޅޭގޮތުން ސުވާލުކުރައްވައި އެބޭފުޅުން އެދިވަޑައިގަންނަވާ ކަންކަން ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވާނެ ކަންކަން ހިއްސާކުރައްވާފައެވެ. އަދި ސަރުކާރުގެ އެކި މުވައްސަސާތައް އެއްކޮށްލައްވައި، މަސައްކަތްތައް ހަރުދަނާކުރުމަށް ކުރައްވާ ކަންކަން އެމަނިކުފާނު ހިއްސާކުރެއްވިއެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވާނެކަންކަން ތަފްޞީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ.