ސައިބަރ ކްރައިމްގެ ޢަމަލުތައް ކުށުގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓާއެކުއެވެ.
ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ގެންނަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޟާ އާދަމެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.
މި އިސްލާހުގައި ވަނީ ޤާނޫނުލްޢުޤޫބާތަށް ބާބެއް އިތުރު ކުރުމަށެވެ. އެގޮތުން 240 ވަނަ ބާބުގެ ގޮތުގައި ކޮމްޕިއުޓަރު އަދި ކޮމްޕިއުޓަރާ ގުޅުންހުރި ކުށްތައް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުގެ ދަށުން ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމާއި ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓް ކުރުމާއި އިންޓަފިއަރ ކުރުމާއި ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން ކުށެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި ސައިބަރ ވަޔަލަންސްގެ ޢަމަލުތަކާއި ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ ޢަމަލުތަކާއި އޮޅުވާލުމުގެ އަމަލުތަކާއި ކޮޕީރައިޓާ އެއާގުޅޭ އެހެނިހެން ޙައްގުތަކަށް އަރައިގަތުމަކީވެސް ކުށުގެ ގޮތުގައި ބެލެވޭނެއެވެ.
ކޯޓު އަމުރެއްގެ ދަށުން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން ކުށެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
* ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ޝާއިޢުކުރުން
* ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ޝާއިޢުކުރުމަށްޓަކައި ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުން
* ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރެޖް މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބަހައްޓައި ބިރުދެއްކުން
* ގެއްލުމެއް ދިނުމުގެ ނިޔަތުގައި އޮރިޔާންކާޑު އާންމުކުރުން
* ސައިބަރ ސްޓޯކްކުރުން
މީގެ އިތުރުން ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ހުށައެޅި ދެ ބިލެއްވެސް މަޖިލީހުން ވަނީ މިއަދު ފާސްކޮށްފައެވެ. އަދި ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި 3 ބިލުވެސް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓާއެކުއެވެ.
މިއަދު މަޖިލީހުން ފާސްކުރި އިސްލާޙުތަކާ އެއްގޮތަށް ޤާނޫނުތައް ބަދަލުވާނީ މި އިޞްލާޙުތައް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމުންނެވެ.