ޚަބަރު

ރިސޯޓުތަކުން 500 ޑޮލަރު ނުވަތަ އެމަހެއްގެ ޢާމްދަނީގެ %20 މާރުކުރުމުގެ އިޚްތިޔާރުދީފި


  • ގެސްޓްހައުސްތަކާއި ޓޫރިސްޓު އުޅަނދުތަކުން 25 ޑޮލަރު ނުވަތަ އެމަހެއްގެ ބޭރު ފައިސާގެ ޢާމްދަނީގެ 20 އިންސައްތަ

  • ފަތުރުވެރިކަމުގެ ވިޔަފާރިވެރިންނާ އިދާރާތަކާ މަޝްވަރާކުރެވި ގެނެވިފައިވާ ބަދަލެއް

ޓޫރިސްޓް ރިސޯޓުތަކުން 500 ޑޮލަރު ނުވަތަ އެމަހެއްގެ ބޭރު ފައިސާގެ ޢާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިޚްތިޔާރު ލިބިދޭގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބިލު ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވަނީ، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙްއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ބޭރު ފައިސާގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލި ފުރުޞަތުގައި އެކި އިދާރާތަކާއި ޢާއްމުންގެ ފަރާތުން ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. މިގޮތުން ހުށައަޅާފައިވާ ކަންކަމަށް ރިޢާޔަތްކޮށް ބިލު އެކުލަވާލާފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ބިލުގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދަޅުވީ، ޢާއްމުންނާއި އިދާރާތަކުގެ އެދުމާއެކު ބިލަށް ބައެއް ބަދަލުތަކެއް ގެނެވުނު ނަމަވެސް އެމްއެމްއޭއިން ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުނުވެވޭނެ ފަދަ ބަދަލެއް ނުގެންނަކަމަށެވެ. މީގެއިތުރުން ބިލަށް އިތުރު ކުރެވުނު ކެޓަގަރީގެ ސަބަބުން ކުރިން އަންދާޒާކުރި ޢަދަދަށްވުރެ އިތުރަށް އިގްތިޞާދަށް ފައިދާ ކުރާނެކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. އަދި މިހާރު ގެނެވުނު ބަދަލަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކާ މަޝްވަރާކުރެވި ދެފަރާތަށް ފެންނަ އެންމެ ރަނގަޅު ގޮތްކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ބޭރު ފައިސާ މާރުކުރުމަށް އަލަށް ގެނެސްފައިވާ މައިގަނޑު ބަދަލަކީ "ކެޓެގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" ތަކުން މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %20 މާރުކުރުމުގެ އިޚްތިޔާރު ދިނުމެވެ.

މީގެއިތުރުން ރިސޯޓުތައް ފިޔަވާ، ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އުޅަނދުތަކަށް އަންނަ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ އެތަނަކަށް މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ ޢާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިޚްތިޔާރު ލިބޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ހަމައެއާއެކު މިބިލަށްވަނީ ބޭރު ފައިސާއިން އަދާ ކުރަންޖެހިފައިވާ ޓެކްސްގެ އިތުރުން ސަރުކާރަށް ބޭރު ފައިސާއިން އަދާކުރަންޖެހޭ އެހެނިހެން އިލްތިޒާމްތައް ހިމެނޭގޮތަށް އިސްލާހުކޮށް ސެކިއުރިޓީޒް މާކެޓުގައި ހިންގާ މުއާމަލާތްތައް އިސްތިސްނާ ކުރުމަށްވެސް އެމްއެމްއޭއިންވަނީ ނިންމާފައެވެ.

މިބިލުގައި ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ޤާނޫނު ތަންފީޒުކުރުމަށްޓަކައި ބާރުތަކެއްވެސްވަނީ ލިބިދީފައެވެ. މިގޮތުން މި ބިލުގައި ކަނޑައަޅާފައިވާ ކަންތައްތަކާއި ގުޅޭގޮތުން ބަލާ މައްސަލަތަކުގެ މަޢުލޫމާތު މާލީ އިދާރާތަކުން ހޯދުމުގެ ބާރު މީރާއަށް ލިބިދެއެވެ