ޚަބަރު

ޗީފް ހައިޑްރޯގްރަފަރ, ޗީފް އޮފް ޑިފެންސް ފޯސް އާއި ބައްދަލުކުރުން


އިންޑިއާގެ ޗީފް ހައިޑްރޯގްރަފަރ, ރިއަރ އެޑްމިރަލް ވިނޭ ބަދްވާރު މިއަދު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު، ބަންޑާރަކޮށީގައި ރިއަރ އެޑްމިރަލް ވިނޭ ބަދްވާރު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންނާއި އަދި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު ޢިބްރާހީމާއި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެނޑް ޓްރޭނިންގ ގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޙާމިދު ޝަފީޤް އަދި އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކެޕްޓަން ޕްރަޝާންތް ހާނޑޫ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަދު ހެނދުނު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ޗީފް ހައިޑްރޯގްރަފަރ, ރިއަރ އެޑްމިރަލް ވިނޭ ބަދްވާރު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓުން މަރުޙަބާ ދެންނެވީ، ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ހައިޑްރޯގްރަފީ (ކަނޑު ފަޅު ތަކުގެ ޗާރޓް ކުރެހުމުގެ) ޢިލްމީ ދިރާސާތައް އެމްއެންޑީއެފްގެ އިސްވެރިންނާއި ހިއްސާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.