މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ގުޅުންހުރި މަޝްރޫޢުތައް ހިންގާނީ ފޮރުވުމެއްނެތި އެމަޝްރޫޢުތަކުގެ މަޢުލޫމާތުތައް ހާމަކުރަމުން، ނަޒާހަތްތެރިކަމާއެކުކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ޢަލީ ޝަރީފް މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ބާއްވާ އެންޓި ކޮރަޕްޝަން ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އެންޓި ކޮރަޕްޝަން ފޯރަމަކީ އެކި ދާއިރާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމާމެދު މަޝްވަރާކޮށް ކޮރަޕްޝަން ހުއްޓުވުމަށް ދިމާވާ ދަތިތަކާއި އެ ދަތިތައް ހައްލުކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ. މިއަހަރުގެ ފޯރަމްގެ މަޢުޟޫއަކީ މޫސުމީ ބަދަލުތަކާއި، ތިމާވެށީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމާއި، މޫސުމީ ބަދަލުތަކާ ގުޅުންހުރި ކަންކަމުގެ ހިންގުމުގެ ނިޒާމުގައި ނަޒާހަތްތެރިކަން ޤާއިމްކުރުމެވެ.
އެންޓި ކޮރަޕްޝަން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޢަލީ ޝަރީފް ވިދާޅުވީ މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި ކުރިއަރާފައިވާ ޤައުމުތަކުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭކަމަށާއި އެފައިސާ ބޭނުންކުރާ ގޮތާމެދު ގިނަ ބަޔަކު ސުވާލު އުފައްދާ ކަމަށެވެ. އަދި މިފައިސާގެ މަޤުޞަދާ ޚިލާފު ކަންކަން ސަރުކާރުތަކުންކުރާކަން ބައެއް ފަރާތްތަކުން ތުހުމަތުކުރާކަމަށްވެސް ޢަލީ ޝަރީފް ވިދާޅުވިއެވެ.
ޢަލީ ޝަރީފް ވިދާޅުވީ މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް ލިބޭ ފައިސާ، މިސަރުކާރުން ޚަރަދުކުރާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އަދި މަޝްރޫޢުތައް ކުރިއަށްގެންދާނީ ކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، ޖަވާބުދާރީވަމުންކަމަށްވެސް ކްލައިމެޓް އެންވޯއީ ވިދާޅުވިއެވެ. އަދި އެފަދަ ސަގާފަތެއް ސަރުކާރުގައި ޤާއިމްކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ކްލައިމެޓް އެންވޯއީ ދެއްވިއެވެ.
މީގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަށް ހާމަކަން ބޮޑު ގޮތެއްގައި މިސަރުކާރުން ޢަމަލުކުރަމުންދާކަންވެސް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޢަލީ ޝަރީފް ފާހަގަކުރެއްވިއެވެ.
"މޫސުމީ ބަދަލުތަކާގުޅޭ މުޢާހަދާތަކަށް ހުށައަޅަންޖެހޭ ރިޕޯޓުތައް އެބަހުރި ކްލައިމެޓް ފައިނެންސިންއާ ގުޅޭ. މި ރިޕޯޓުތައް ހުށައެޅުމުގައި ކުދި ޖަޒީރާ ޤައުމުތަކަށް ލުއިތަކެއް ދީފައި އެބަހުރި. އެހެންނަމަވެސް ބައިއެނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް، އެންމެ ފަހުވަގުތަށް މަނޑުނުކޮށް ބޮޑެތި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއިން ވަނީ ހުށައަޅާފައި. މިކަމާގުޅޭ މަޢުލޫމާތު އަޅުގަނޑުމެން ބޭނުންވީ ވީހާވެސް އަވަހަކަށް ހާމަކުރަން." ކްލައިމެޓް އެންވޯއީ ވިދާޅުވިއެވެ.
ޢަލީ ޝަރީފް ވިދާޅުވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާ ގުޅުންހުރި ކަންކަމުގައި ދައުލަތުންކުރާ ޚަރަދުތައް ހާމަކުރުމަށްވެސް ޚާއްސަ ފިޔަވަޅުތަކެއް މިހާރު އަޅަމުންދާ ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މޫސުމީ ބަދަލުތަކާގުޅުންހުރި ޚަރަދެއްނަމަ، އެ ޚަރަދު ޚާއްސަ ގޮތަކަށް ބަޖެޓުގައި ފާހަގަކުރާކަމަށް ޢަލީ ޝަރީފް ވިދާޅުވިއެވެ.
އެންޓި ކޮރަޕްޝަން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ކޮރަޕްޝަންގެ ޢަމަލު ހުއްޓުވުމަށް އެންމެ މުހިންމީ ޒުވާނުންގެ ކިބައިގައި ނަޒާހަތްތެރިކަން އަށަގެންނެވުން ކަމަށެވެ. އަދި ޒުވާނުންގެ ކިބައިގައި ނަޒާހަތްތެރިކަމުގެ ސިފަ އަށަގެންނެވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ބައެއް ކަންކަން ފާހަގަކުރައްވައި، އެކަންކަމަށް ޝާމިލް ތަޢުރީފްކުރެއްވިއެވެ.
"އަޅުގަނޑަށް ވަރަށް ކަމުދޭ މިސަރުކާރުން ފަށާފައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢު. މި މަޝްރޫޢުގެ ދަށުން ދިވެހިންގެ ރީތި ސިފަތައް ޒުވާނުންގެ ކިބައިގައި އަށަގަންނަވައި ނަޒާހަތްތެރި ޖީލެއް ބިނާކުރުން ވަރަށް މުހިންމުކަމުގައި އަޅުގަނޑު ދެކެނީ. އަދި މިހާރު ސަރުކާރުން ފައްޓަވާފައިވާ ދުރުރާސްތާ ޤައުމީ ތަރައްޤީގެ ޕްލޭނަކީ ވަރަށް މުހިންމު މަސައްކަތެއް. އެ މަސައްކަތުގެ ސަބަބުންވެސް ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭނެ." ޝާމިލް ވިދާޅުވިއެވެ.
އޭސީސީއާއި ޓްރާންސްޕޭރެންސީ އެމްވީ ގުޅިގެން އެންޓި ކޮރަޕްޝަން ފޯރަމް ބާއްވަނީ ކޮންމެ 2 އަހަރަކުން 1 އަހަރުއެވެ. ފުރަތަމަ ފޯރަމް ބޭއްވީ 2020 ވަނަ އަހަރުއެވެ. މި ފޯރަމްގައި ކީނޯޓް ސްޕީޗްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ތަފާތު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދާނެއެވެ. މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށެވެ. މި ފޯރަމްގައި ކޮރަޕްޝަން ހުއްޓުވުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއްކުރެވޭނެކަމަށް އޭސީސީން ވިދާޅުވެއެވެ.