ޚަބަރު

ޑަބަލްސް ޗެމްޕިއަންކަން އަޒްމީން އާއި ޚާތިމް އަދި ވިޝާމާ އާއި ވިދާދުގެ ޕެއާއަށް


ދެވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑްގެ ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން އިސްމާއިލް އަޒްމީން އާއި ޚާތިމް ޚަލީލް އަދި އައިމިނަތު ވިދާދް އާއި އާމިނަތު ވިޝާމާގެ ޕެއާ ކާމިޔާބުކޮށްފިއެވެ.

މި ޑިސެންބަރު މަހުގެ 4 އިން 13 ގެ ނިޔަލަށް މާލޭގައި ހުންނަ ކެރަމް ހޯލްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ބައިގައި ޑަބަލްސް އާއި ސިންގަލްސް އިވެންޓްގެ އިތުރުން ޖޫނިއާ ބައިގައި އަންހެން އަދި ފިރިހެން ސިންގަލްސް އާއި ޑަބަލްސް އިވެންޓްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވެއެވެ.

މި ފަހަރުގެ މުބާރާތުގައި ރޭ ކުޅުނު ފިރިހެނުންގެ ޑަބަލްސް ފައިނަލްގައި އަޒްމީން އާއި ޚާތިމްގެ ޕެއާ ވަނީ ފަހަތުންއަރައި، 2-1 ސެޓުން އަލީ އާޒިމް އާއި އިބްރާހިމް ހުޖާން އަލީގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަޒްމީން އާއި ޚާތިމްގެ ޕެއާ ގެންދިޔައީ، 06-25، އާއި 20-15 އަދި 23-12 އިންނެވެ.

ފިރިހެނުންގެ ޑަބަލްސް ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ހަސަން ނާޒިމް (ނާނަ) އާއި އަހުމަދު އިކްލީލްގެ ޕެއާ ވަނީ ސީދާ ދެ ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ނާޒިމް އާއި އިކްލީލްގެ ޕެއާ ކާމިޔާބުކުރީ 25-10، 17-13 އިންނެވެ.

މުބާރާތުގެ އަންހެނުންގެ ޑަބަލްސް ފައިނަލްގައި ވިދާދް އާއި ވިޝާމާގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ފައިނާޒް އާއި އަފީފުއްނިސާ ބަލިކޮށްފައެވެ. ވިދާދް އާއި ވިޝާމާގެ ޕެއާ މި މެޗުގެ ސެޓުތައް ގެންދިޔައީ 25-04، 25-04 އިންނެވެ.

އެ އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ޝުބާ އާއި ރަޔާނާގެ ޕެއާ ވަނީ އާމިނަތު ސިޔާނާ އާއި އާމިނަތު ޖުނާގެ ޕެއާގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދާފައެވެ. މި މެޗުގެ ސެޓުތައް ޝުބާ އާއި ރަޔާނާގެ ޕެއާ ކާމިޔާބުކުރީ 25-04، 25-0 އިންނެވެ.

މި މުބާރާތުގައި މިހާރު ކުރިއަށްދަނީ ފިރިހެން އަދި އަންހެން ސިންގަލްސް އިވެންޓްގެ މެޗުތަކެވެ.