ޚަބަރު

ލާޒިއޯ އަތުން ބަލިވެ ނާޕޮލީ ދެވަނައަށް ވެއްޓިއްޖެ


އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ލާޒިއޯ އަތުން 1-0 އިން ބަލިވެ، ނާޕޮލީ ތާވަލްގެ ދެވަނަ މަގާމަށް ވެއްޓިއްޖެއެވެ.

މިއީ މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލާޒިއޯ އަތުން ނާޕޮލީ ބަލިވި ދެވަނަ ފަހަރެވެ. މީގެކުރިން، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު އިޓާލިއަން ކަޕްގެ މެޗުގައި ލާޒިއޯ އަތުން ނާޕޮލީ ބަލިވީ 3-1 އިންނެވެ. އަދި، މިއީ އެ ޓީމު އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅެއްނުލިބި ނިންމާލަން ޖެހުނު ހަތަރުވަނަ ފަހަރެވެ. މީގެތެރެއިން، ތިން މެޗުން ބަލިވިއިރު އަނެއް މެޗުން ވީއެއްވަރެވެ. މޮޅުވީ އެންމެ ދެ މެޗުންނެވެ.

ރޭގެ މެޗަށް ނިކުތްއިރު މިދިޔަ ހަފްތާގައި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ދެ ޓީމު ހިމެނޭ ގޮތަށް މުޅިއެކު ކުޅުނީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ، ލާޒިއޯގެ ދެ ކުޅުންތެރިންނެވެ.

ނާޕޮލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު، ނާޕޮލީ އަށް ލަނޑެއްޖަހައިދޭން މަޓެއޯ ޕޮލިޓާނޯ ދިން ބޯޅައަކުން ސްކޮޓް މެކްޓޮމިނޭ ފޮނުވާލި ހަމަލާ ލާޒިއޯގެ ގޯލްކީޕަރު، އިވާން ޕްރޮވެޑެލް ހުއްޓުވިއެވެ.

އޭގެފަހުން، ލާޒިއޯ އިން މެޗުގެ ތެރެއަށް ވަދެ، ކޮންޓްރޯލްކުރަން ފެށިއެވެ. އެގޮތުން، އެ ޓީމުގެ ގުސްޓާވް އިސަކްސަން ފޮނުވާލި ބޯޅައެއް ނާޕޮލީގެ ގޯލްކީޕަރު، އަލެކްސް މެރެޓް ވަނީ ހުއްޓުވަން ޖެހިފައެވެ. ފުރަތަމަ ހާފު ނިމެންދަނިކޮށް، ނާޕޮލީގެ ކްވިޗާ ކްވަރަޝްކޭލިއާ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު ލާޒިއޯގެ ފިސާޔޯ ޑެލޭ-ބާޝިރު ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، ނާޕޮލީގެ މިޑްފީލްޑަރު، އަންދްރޭ އަންގީސާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީދަނޑީގައި ޖެހިފައެވެ.

މި މެޗުގައި ލާޒިއޯ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ ފަހު ހާފުގައި ކުޅެން ނިކުތް ނެދަލެންޑްސް ފޯވާޑް، ޓިޖާނީ ލޮސްލިން ދިން ހިތްގައިމު ބޯޅައަކުން މަތިއަސް އޮލިވޭރާ އެވެ. މެޗުގެ 79 ވަނަ މިނެޓުގައި މަތިއަސް އޮލިވޭރާ މި ލަނޑުޖެހީ އޭރިޔާބޭރުން ފޮނުވާލި ރީތި ބޯޅައަކުންނެވެ.

މި ނަތީޖާއާއެކު ނާޕޮލީ ދެވަނައިގައި އޮތީ އެންމެ ކުރީގަ އުޅޭ އެޓަލާންޓާ އަށް ވުރެ ދެ ޕޮއިންޓް މަދުން ލިބިގެންނެވެ. އެޓަލާންޓާ އެއްވަނައިގައި އޮތީ 15 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ނާޕޮލީ ދެވަނައިގައި އޮތީ 15 މެޗުން 32 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިންވަނައިގައި އޮތް އިންޓަ މިލާނާއި، ހަތަރެއްގައި އޮތް ފިއޮރެންޓީނާ އަށް 14 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. އިންޓަ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. މި މެޗުން މޮޅުވި ލާޒިއޯ ވަނީ ހަމަ މިއަދަދަށް ޕޮއިންޓް ހަމަކޮށް، ފަސްވަނަ އަށް ޖެހިލައިފައެވެ. އަނެއް ދެ ޓީމު ކުރީގަ އޮތީ ފައިދާގޯލްގެ ތަފާތުންނެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފިއޮރެންޓީނާގެ ދަނޑުގައި އެ ޓީމުން 1-0 އިން ކަލިއާރީ އަތުން ވަނީ މޮޅުވެފައެވެ. ހެލާސް ވެރޯނާ އަތުން ރަށުން ބޭރުގައި 1-4 އިން އެމްޕޯލީ މޮޅުވިއިރު، ވެނެޒިއާގެ ދަނޑުގައި ކޯމޯއާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.