ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ކުލަބު އެޗްޑީސީ ކުޅުނު ދެވަނަ މެޗުން ބަލިވެއްޖެއެވެ.
މުބާރާތުގައި ރާއްޖޭގެ އެޗްޑީސީ ކުޅުނު ދެވަނަ މެޗުގައި ބަލިވީ އީރާނުގެ ޗަދޯރުމަލޫ އަތުން 3-2 ސެޓުންނެވެ. ނަމަވެސް އެޗްޑީސީ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ނޭޕާލުގެ ގަންޑާކީ އަތުން 3-2 ސެޓުން މޮޅުވެފައެވެ.
މެޗުގެ ފުރަތަމަ ސެޓު ޗަދޯރުމަލޫ ކާމިޔާބުކުރީ 16-25 އިންނެވެ. ދެވަނަ ސެޓު އެޗްޑީސީން ކާމިޔާބުކޮށްފައިވަނީ 22-25 އިންނެވެ. އަދި ތިންވަނަ ސެޓު 23-25 އިން އެޗްޑީސީން ކާމިޔާބުކުރި ނަމަވެސް ހެދުނު ގޯސްތަކާއެކު ހަތަރުވަނަ ސެޓު އެޗްޑީސީއަށް ގެއްލުނެވެ. މި ސެޓު އެ ޓީމު ކާމިިޔާބުކުރީ 20-25 އިންނެވެ. ނަތީޖާ ނެރެން ކުޅުނު ފަސްވަނަ ސެޓު ޗަދޯރުމަލޫ ކާމިޔާބުކުރީ ދެ ޕޮއިންޓުގެ ތަފާތުންނެވެ. އެއީ 13-15 އިންނެވެ.
ހަތަރު ގައުމަކުން ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ އެޗްޑީސީގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލުގެ ގަންޑަކީ ޕްރޮވިންވްސް އާއި، ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި، އިންޑިއާގެ ކަލިކަޓް ހީރޯސް އަދި އިރާނުގެ ޗަދޯރުމަލޫއެވެ.
މި މުބާރާތުގައި އެޗްޑީސީން ކުޅޭ ތިންވަނަ މެޗުގައި އެޗްޑީސީން މިއަދު ނިކުންނާނީ އިންޑިއާގެ ކަލިކަޓްއާ ދެކޮޅަށެވެ.