ޚަބަރު

މަނަދުއަށް 600 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފި


ނ. މަނަދޫގެ ކަރަންޓްގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން، 600 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް އެރަށަށް ގެންގޮސްފިއެވެ. 

ފެނަކަ ކޯޕަރޭޝަނުން ބުނީ، މަނަދުއަށް ގެންދިޔަ ޖަނަރޭޓަރަކީ، އެރަށުގެ ކަރަންޓްގެ ޙާލަތު ރަނގަޅުކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން، އަލަށް ގެނައި ޖަނަރޭޓަރެއް ކަމަށެވެ. ފެނަކައިގެ ނ. އަތޮޅު ގޮފީގެ ރީޖަނަލް މެނޭޖަރ މުޙައްމަދު ފާއިޒު ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި ޖަނަރޭޓަރު މަނަދުއަށް ބޭލުމަށްފަހު، މިހާރު ކުރިއަށްދަނީ އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށެވެ. 

މަނަދޫގެ އިތުރުން، ނ. އަތޮޅު ވެލިދޫ އަދި ހޮޅުދުއަށް ބޭނުންވާ 600 ކިލޯ ވޮޓްގެ ޖަނަރޭޓަރުތައްވެސް ވަރަށް އަވަހަށް ލިބޭނެކަމަށް ފާއިޒު ވިދާޅުވިއެވެ. 24 ގަޑިއިރުގެ ކަރަންޓްގެ ޔަޤީންކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އިންޖީނުގެތަކަށް، 50 ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ. މިއީ ޖަނަރޭޓަރުތަކަށް ބާރުބޮޑުވެ، ފެއިލްވެގެން ނުދާނެގޮތަށް އިންޖީނުގެތަކުގައި ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.