ޚަބަރު

މިއަހަރުގެ ތެރޭގައި 1.3 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތް: ރައީސް


  • މިއަހަރުގެ ތެރޭގައި 13435 ތަނެއް ބަލާ މީހުން ހޯދި

  • މިއަހަރު 655 ކިލޯގެ މަސްތުވާތަކެތި ނައްތާލި

2023ވަނަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ތެރޭ އަތުލައިގެން މަސްތުވާތެކެތި 6 ގުނަ އިތުރުކަމަށާއި އެތަކެތީގެ އަގު 1.3 ބިލިޔަން ރުފިޔާއަށް އަރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އއ. ރަސްދޫއަށް ކުރެވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުނުކަމަށެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށްއުޅޭ ގިނަ ބިދޭސީންނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބިދޭސީންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ވޭތުވެދިޔަ 1 ހަރުގެ ތެރޭގައި 153 ބިދޭސީން މަސްތުވާތަކެއްޗާއެކު އަތުލައިގަނެ ޑީޕޯޓްކޮށްފައިވާކަމަށެވެ. އަދި މިއީ 2023ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު ކުރި މަސައްކަތުގެ ދެގުނަކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ޑީޕޯޓްކޮށްފައިވަނީ 74 މީހުންނެވެ.

"މިހާރު ފުލުހުންގެ އިދާރާއިންގެ ތެރެއިން މިކަމުގައި ކޮމްޕްރަމައިޒްވެފައި ތިބި ބަޔަކު ނުތިބޭނެ. އަޅުގަނޑުމެން ބޭނުންވަނީ މިކަން ހަގީގީ މާނައިގައި ހައްކުރުމަށް. އެހެންވެ މިހާރު އެއޮތީ މަޖިލީހަށް މިކަމުގެ ޚާއްސަ ބިލެއްވެސް ހުށައަޅާފައި. ޤާނޫނުގެ ތެރެއިން ވަކި ބާރުތަކެއް ލިބިދޭންޖެހޭ މިކަން މާނަހުރި ގޮތެއް ހައްލުކުރުމަށް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި 13435 ތަނެއް ބަލާ މީހުން ހޯދާފައިވާކަމަށެވެ. އަދި އޭގެ ކުރީ އަހަރުގައި މަސްތުވާތަކެތި ބޭނުންކުރާ ތަންތަން ހޯދުމަށް ކުރި މަސައްކަތަކުން ބަލާފައިވަނީ 8581 ތަނެއްކަން ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ 2023 ވަނަ އަހަރު 113 ކިލޯގެ މަސްތުވާތަކެތި އަތުލައިގެތްނަމަވެސް މިއަހަރުގެ ތެރޭގައި 655 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްކަމަށެވެ. އެއީ 6 ގުނަ އިތުރު އަދަދެއްކަން ފާހަގަކުރައްވާ ރައީސް ވަނީ އެތަކެތީގެ އަގު 1.3 ބިލިޔަން ރުފިޔާއަށް އަރާކަމަށެވެ.

ރައީސް ވަނީ މިހާރު މަޖިލީހަށް ހުށައަޅާފައިވާ މަސްތުވާތަކެތީގެ މައްސލަ ހައްލުކުރުމުގެ ޚާއްސަ ބިލް ފާސްވެގެން އައުމުން އެ މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ޤައުމު ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތާއެކު މިހެން ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެއްބާރުލުން ދިނުމަށް ރައީސް ގޮވާލެއްވިއެވެ.