އެއަރޕޯޓު މަޝްރޫޢަކީ އަރިއަތޮޅު އުތުރުބުރީގެ ތަރައްޤީއަށް މުހިންމު ކަމަކަށްވާނެކަމަށާއި އެކަން ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގެތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެއަތޮޅު ކައުންސިލުގެ މެންބަރުން ވަނީ ޕާސްޕޯޓު ޚިދުމަތާއި އައިޑީ ކާޑުގެ ޚިދުމަތް އެއަތޮޅުން ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ފަޅުގެ ބޭނުން ކުރެވޭގޮތް ފަހިކޮށްދެއްވުމަށާއި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެއްވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އއ އަތޮޅު ބާކީ ނުކުރައްވާނެކަން ފާހަގަކުރެއްވިއެވެ. އަދި އެއަރޕޯޓު މަޝްރޫޢަކީވެސް އއ. އަތޮޅުގެ ތަރައްޤީއަށް މުހިންމު ކަމަކަށްވާނެކަން ފާހަގަކުރައްވައި އެކަން ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް މިއަންނަ އަހަރުގެ ތެރޭގައި ހުރިހާ އަތޮޅަކުން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޓޫރިޒަމް ޓެކުހުން ކައުންސިލްތަކަށް ވަކި ޕަސެންޓެއް ދިނުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފާޙަގަކުރައްވައި އެފަދަ ކަންކަމުންވެސް ކައުންސިލްތަކަށް އިތުރު އާމްދަނީ ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.