ޚަބަރު

ކުރީގެ ނޫޓްތަކުގެ 88 އިންސައްތަ އެމްއެމްއޭއިން ނަގައިފި


އިޤްތިޞާދުގައި ދައުރުވަމުންދާ ކުރީގެ ނޫޓުތަކުގެ ފައިސާގެ ތެރެއިން 88 އިންސައްތަ މިހާތަނަށް ނަންގަވާފައިވާކަމަށް މަރުކަޒީބޭންކުން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ މުނާ އިބްރާހީމް ވިދާޅުވީ، ބާކީ 12 އިންސައްތަ ނޫޓުވެސް ވީއެންމެ އަވަހަކަށް ބަދަލު ކުރުމަށް އެމްއެމްއޭއިން އެދިވަޑައިގަންނަވާކަމަށެވެ. ވިޔަފާރީގެތެރޭގައި އައު ނޫޓު ބޭނުންކުރެވޭ މުއްދަތު ޖުލައިމަހުގެ ނިޔަލަށް އިތުރުކުރައްވާފައި ވީނަމަވެސް ކުރީގެ ނޫޓު ބަދަލުކުރާ ނިސްބަތް މިހާރު މަދުކަން މުނާ ފާހަގަކުރެއްވިއެވެ.

މުނާ ވިދާޅުވީ ޖުލައި މަހުގެ 31 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތަކަށް އެމްއެމްއޭއިން ނޫޓު ބަދަލުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސަވާނެކަމަށެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުން ފާހަގަކުރުމާ ގުޅުވައިގެން މަރުކަޒީ ބޭންކުން، ރަން ދިހަފަހެއްގެ ނަމުގައި އައު ނޫޓުސީރީޒް ތަޢާރަފްކުރައްވައި، އިޤްތިޞާދުގައި ދައުރު ކުރަންފެށީ ޖެނުއަރީމަހުގެ 26 ވަނަދުވަހުއެވެ.

ރަންދިހަ ފަހެއް ނޫޓު ސީރީޒްއަކީ ސަލާމަތީ ސިފަތައް ވަރުގަދަކުރެއްވުމާއެކު ޒަމާނީ ފަރުމާއަކަށް ތައްޔާރުކުރައްވައި، ޕޮލިމަރ ކަރުދާހަށް ޕްރިންޓްކުރައްވާފައިވާ ނޫޓު ސީރީޒެކެވެ.