އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ޤާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އއ.ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ، ލޯކަލް ޓޫރިމަށް އިސްކަންދޭ ރަށެއްކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް ތޮއްޑޫއަށް ގިނަ ޓޫރިސްޓުން އަންނާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ތޮއްޑޫގެ ރައްޔިތުންނަށް އަމިއްލަ ރަށުން ޑޮލަރު ނެގޭނެގޮތް ވާންޖެހޭކަމަށެވެ.
ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ޚިދުމަތްކުރުމުގެ ސިޔާސަތުގެ ތެރެއިން ރަށުގައި ތިބެގެން ޑޮލަރު ނެގޭނެ ގޮތް ހަމަޖައްސާ އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ޤާއިމްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް ބީއެމްއެލްއަށް ދަންނަވާނެކަމަށްވެސް ވިދާޅުވިއެވެ.
"މިހާރުވެސް 50 އެއްހާ ގެސްޓްހައުސް ހުރިއިރު އިތުރު 40 މަޝްރޫއެއް ކުރިއަށް އެބަގެންދޭ. އެހެންކަމުން އެއްރަށެއްގައި ކުރިއަށް އޮތް 2 އަހަރެއްތެރޭ 3000 އެއްހާ ޓޫރިސްޓުން ގެނެވޭހާ ލޯކަލް ޓޫރިޒަމްގެ އިންޑަސްޓްރީއެއް އުފެދެމުން މިދަނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ބޭންކިންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމަށްޓަކައި އޭޓީއެމް ނެތް ރަށްރަށުގައި އަންނަ އަހަރު އޭޓީއެމްތައް ބަހައްޓާނެކަން ވިދާޅުވެފައެވެ. އެގޮތުން ބީއެމްއެލްގެ އޭޓީއެމްއާއި އެމްއައިބީގެ އޭޓީއެމްތައް ޤާއިމްކުރައްވާނެކަމަށްވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އާބާދީ ބޮޑެތި ރަށްރަށުގައި ބީއެމްއެލްގެ ބްރާންޗްތައްވެސް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމްއެއް މިހާރު ބަހައްޓާފައިވަނީ މާފުށީގައެވެ.