ނިއު ޒީލަންޑާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުން މޮޅުވެ، އިންގްލަންޑުން ޓެސްޓް ސީރީޒް 2-0 އިން ކާމިޔާބުކޮށްފިއެވެ.
ވެލިންޓަންގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ނިއުޒިލެންޑުން ގަސްދުކުރީ ހޮވަން އަރާށެވެ. އިންގްލެންޑުން ކުޅެން އަރައި، 54.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 280 ލަނޑެވެ.
ފުރަތަމަ އިނިންގްސްގައި އިންގްލެންޑުން އެންމެ މޮޅަށް ކުޅުނު ހެރީ ބްރޫކް ވަނީ 115 ބޯޅައިން 123 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ވިކެޓްކީޕަރު، ބެޓްސްމަން އޮލީ ޕޯޕް ވަނީ 66 ލަނޑުހަދައިފައެވެ.
ނިއުޒިލެންޑުން އެންމެ ރަނގަޅަށް އުކީ ހަތަރު ވިކެޓްނެގި ނޭތަން ސްމިތު އާއި ތިން ވިކެޓްނެގި ވިލް އޯރޭކޭ އެވެ. އެ ޓީމުގެ މެޓް ހެންރީ ވެސް ދެ ވިކެޓްނެގިއެވެ.
ނިއުޒިލެންޑްގެ ފުރަތަމަ އިނިންގްސްގައި ކުޅެން އަރައި، 34.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 125 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 37 ލަނޑުހެދި ކޭން ވިލިއަމްސަން އެވެ. ކެޕްޓަން، ޓޮމް ލޭތަމް ނުބައިވީ އެންމެ 17 ލަނޑަށެވެ. މި އިނިންގްސްގައި އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ ގުސް އަޓްކިންސަން އާއި ބްރައިޑަން ކާސް އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ވިކެޓްނެގިއެވެ.
ދެވަނަ އިނިންގްސްގައި އިންގްލެންޑުން 82.3 އޯވަރުގެ ތެރޭގައި ހަ ވިކެޓަށް 427 ލަނޑުހަދައި، ޑިކްލެއާ ކުރިއެވެ. އެންމެ ރަނގަޅަށް ކުޅުނު ޖޯ ރޫޓް ވަނީ 106 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޖޭކޮބް ބެތެލް 96 ލަނޑަށް ނުބައިވިއިރު، ބެން ޑަކެޓް ނުބައިވީ 92 ލަނޑަށެވެ. މީގެއިތުރުން، 55 ލަނޑުހެދި ހެރީ ބްރޫކް އާއި ނުބައިނުވެ 42 ބޯޅައިން 49 ލަނޑުހެދި ކެޕްޓަން، ބެން ސްޓޯކްސްގެ ކުޅުން ފާހަގަކޮށްލެވުނެވެ. ނިއުޒިލެންޑުގެ އުކުންތެރިންގެ ތެރެއިން ޓިމް ސައުތީ އާއި މެޓް ހެންރީ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.
ޖަވާބުގައި ކުޅެން އެރި ނިއުޒިލެންޑަށް ކަނޑައެޅިފައިވާ ޓާގެޓަށް ވާސިލްނުވެވި، ޓެސްޓް މެޗުގެ ތިންވަނަ ދުވަހުގެ ކުޅުމުގައި ހުރިހާ ކުޅުންތެރިން ނުބައިވީ 259 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 102 ބޯޅައިން 115 ލަނޑުހެދި ވިކެޓްކީޕަރު ބެޓްސްމަން، ޓޮމް ބްލަންޑެލް އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ނޭތަން ސްމިތު ވަނީ 42 ލަނޑުހަދައިފައެވެ.
އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ ކެޕްޓަން، ސްޓޯކްސް އެވެ. އޭނާ ތިން ވިކެޓްނެގިއިރު، ކްރިސް ވޯކްސް އާއި ބްރައިޑަން ކާސްގެ އިތުރުން ޝުއައިބް ބަޝީރު ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންގްލެންޑްގެ ބެޓްސްމަން، ހެރީ ބްރޫކް އެވެ.