ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށްކުރެއްވި ރަސްމީ ދަތުރުފުޅާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމުގެ އައު ބާބެއް ފެށުނުކަމަށް އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.
މިދިޔަ އޮކްޓޫބަރުމަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއްކުރައްވާފައެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިޔާއަށްކުރެއްވީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމުގެ އައު މަގުޗާޓެއް ކުރެހުނުކަމަށް ސަފީރު ވިދާޅުވިއެވެ.
އިންޑިޔާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މުނޫ މަހާވަރު އައްޔަންކުރެއްވީ 2021 ވަނަ އަހަރުއެވެ. އޭނާގެ ދައުރު މިއަހަރު ހަމަވާނެއެވެ.
ދައުރު ނިމެން ގާތްވެފައިވާކަން ފާހަގަކުރައްވަމުން ސަފީރު މުނޫ މަހާވަރު ވަނީ އޭނާގެ ދައުރުގެ ތެރޭގައި އިންޑިއާގެ އެހީގައި ރާއްޖޭގެ ކުރިއެރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކުދި އަދި ބޮޑެތި މަޝްރޫޢުތައް ހިންގުމާއި އެކި ގޮތްގޮތުން ފައިސާގެ އެހީދިނުމާއި މީހުން ތަމްރީންކުރުމަށް އިންޑިޔާއިން ރާއްޖެއަށް އެހީވެފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ސަފީރު ވިދާޅުވީ އަސްކަރީ ދާއިރާއިން އިންޑިޔާ ސަރުކާރުން ރާއްޖެއަށް ގިނަ އެހީތަކެއް ވެފައިވާ ކަމަށެވެ. މިގޮތުން ބައެއް އެހީތައް ސަފީރު ފާހަގަކުރެއްވިއެވެ.
"މިސާލަކަށް އެމްއެންޑީއެފްގެ ސެނެހިޔާ ހޮސްޕިޓަލް ޢިމާރަތްކުރުމާއި މާފިލާފުށީގައި ޓްރެއިނިން ސެންޓަރެއް ހެދުން ފާހަގަކޮށްލެވޭ. އަދި އެމްއެންޑީއެފް ހާބަރ ޕްރޮޖެކްޓްގެ މަސައްކަތް ދަނީ މިހާރު ކުރިއަށް. މިއީވެސް އަސްކަރީ ދާއިރާއިން އިންޑިޔާއިން ރާއްޖެއަށް ވެދީފައިވާ އެހީތައް." ސަފީރު ވިދާޅުވިއެވެ.
ސަފީރު ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އިންޑިއާ ސަރުކާރުން ބޭނުންވަނީ އަބަދުވެސް ސަރަހައްދީ ޤައުމުތަކާ ގުޅިގެން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ކަމަށާއި ރާއްޖެއާ ގުޅިގެން އެ މަސައްކަތްކުރުމަކީ އިންޑިއާއިން ބޭނުންވާ ގޮތްކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ އުންމީދުކުރައްވަނީ އަދިވެސް ގިނަ އެހީތަކެއް އިންޑިޔާއިން ރާއްޖެއަށް ލިބުން ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ.