ޚަބަރު

ހާލު ކިހިނެއް ޕްރޮގުރާމް: ފުވައްމުލަކުގެ 560 އަށްވުރެ ގިނަ ޢާއިލާގެ ހާލު ބަލައިފި


  • ފުވައްމުލަކު ސިޓީގައި ހާލު ކިހިނެއް ޕްރޮގުރާމް ފެށީ މިމަހު 3ގައި

  • ފުވައްމުލަކު ސިޓީގެ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައި

ރައްޔިތުންގެ ގާތަށް ގޮސް ހާލަތު ދެނެގަތުމަށް ސަރުކާރުން ފަށާފައިވާ "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ދަށުން ފުވައްމުލަކު ސިޓީގެ 560 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް ހާލު ބަލާފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ވީޑިޔޯ މެސެޖެއްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު ނަޒީޙާ އަޙްމަދު ވިދާޅުވީ ފުވައްމުލަކު ސިޓީގައި ހާލު ކިހިނެއް ޕްރޮގުރާމް ފެށީ މިމަހުގެ 3 ވަނަ ދުވަހު ކަމަށާއި އިއްޔެގެ ނިޔަލަށް 560 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް، ކަންބޮޑުވުންތައް އަޑު އަހާފައިވާ ކަމަށެވެ.

ނަޒީޙާ ވިދާޅުވީ ފުވައްމުލަކު ސިޓީގައިވެސް މިޕްރޮގުރާމްގެ ދަށުން ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކުރާނެ ކަމަށާއި ޢާއިލާތަކާއި ވަކިވަކި މީހުންގެ ފަރާތުން ލިބޭ ކަންބޮޑުވުންތައް ހައްލު ކޮށްދޭން މަސައްކަތްކުރައްވާނެ ކަމަށެވެ.

ނަޒީޙާ ވިދާޅުވީ ފުވައްމުލަކު ސިޓީގެ ރައްޔިތުން އެންމެ ގިނައިން ފާހަގަކޮށްފައިވަނީ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ދިމާވާ ދަތިތައްކަމަށެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހާލު ކިހިނެއް ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ސަބަބުން ރައްޔިތުންނަށް ދަތިވާ ކަންކަން ސަރުކާރާ ހަމައަށް ގެންދިއުމުގެ ފަހި ފުރުޞަތެއް ލިބެއެވެ. މިހާތަނަށް މާލެއާއި ގއ. އަތޮޅާއި ތ. އަތޮޅުގައި ހާލު ކިހިނެއް ޕްރޮގުރާމް ވަނީ ފަށާފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ޢާއްމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ.

މީގެ އިތުރުން ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވުމާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި ޑޮކްޓަރަށް ދެއްކުމާއި ރާއްޖޭން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދަތިތައް ދިމާވާކަމުގެ ކަންބޮޑުވުން ޢާންމުން ފާހަގަކޮށްފައިވެއެވެ.

މި ކަންކަމާ ގުޅިގެން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދަނީ މައްސަލަތައް ބަލައި، އެކަންކަމުގައި އެހީތެރިވެދީ ހައްލުތައް ހޯދައިދެމުންނެވެ.