އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ކަޕުގެ ޗެމްޕިއަންކަން ލޮސް އެންޖެލެސް ގެލެކްސީން ހޯދައިފިއެވެ.
އެލްއޭ ގެލެކްސީން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ނިއު ޔޯކް ރެޑް ބުލްސް 2-1 ގެ ނަތީޖާއަކުން ބަލި ކުރުމަށްފަހުގަ އެވެ.
މޭޖަރ ލީގުގެ އީސްޓަން ކޮންފަރެންސް އާއި ވެސްޓަން ކޮންފަރެންސްއިން މޮޅުވެގެން އަންނަ ދެ ޓީމުގެ ދެމެދުގައި ކުޅެވޭ މި މުބާރާތުގެ ޗެމްޕިއަންކަން އެލްއޭ ގެލެކްސީއިން ވަނީ ހަވަނަ ފަހަރަށް ހޯދާފަ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އެއްވެސް ޓީމަކަށް މީގެ ކުރިން ހަ ފަހަރު ހޯދިފައެއް ނުވެއެވެ.
އެމެރިކާގެ ފުޓްބޯޅަ ސީޒަނުގެ ފަހު މުބާރާތް ކަމުގައިވާ އެމްއެލްއެސް ކަޕްގެ ފައިނަލް މެޗުގެ 9 ވަނަ މިނިޓުގައި އެލްއޭ ގެލެކްސީގެ ޖޯސެފް ޕެއިންޓްސިލް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި އޭގެ ހަތަރު މިނިޓު ފަހުން ޑެޖާން ޖޮވެލިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ލަނޑުގެ ލީޑެއް އެ ޓީމަށް ހޯދަދީފަ އެވެ.
ނަމަވެސް މެޗުގެ 28 ވަނަ މިނިޓުގައި ނިއުޔޯކް ރެޑްބުލްސްގެ ޝޯން ނީލިސް ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ އުންމީދު އައުކޮށްދީފަ އެވެ. އަދި މި ލަނޑަށްފަހުވެސް އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފަ އެވެ.
މި މުބާރާތުގެ ފައިނަލުގައި ދެވަނަ ފަހަރަށް ރެޑްބުލްސް ކުޅޭއިރު މިހާތަނަށް އެ ޓީމަށް މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި މިއީ 2014 ވަނަ އަހަރަށްފަހު ގެލެކްސީ އިން މި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.