ޚަބަރު

ކާރު އެކްސިޑެންޓެއްގައި ވެސްޓް ހޭމްގެ ފޯވާޑް އެންޓޯނިއޯއަށް އަނިޔާވެއްޖެ


ކާރު އެކްސިޑެންޓަކާ ގުޅިގެން ވެސްޓް ހޭމް ޔުނައިޓެޑުގެ ފޯވާޑް މިކައިލް އެންޓޯނިއޯއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ވެސްޓްހޭމް ޔުނައިޓެޑް އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކާރު އެކްސިޑެންޓެއްގައި އެންޓޯނިއޯ އަށް ލިބުނު އަނިޔާއަށް ފަރުވާ ކުރުމަށްޓަކައި މެދުތެރޭ ލަންޑަނުގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރެވިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަގަޅު ކަމަށާއި އެކަމާއި ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަ ކުރާނެ ކަމަށްވެސް ވެސްޓްހޭމް އިން ވަނީ ބުނެފަ އެވެ.

އެސެކްސް ކައުންޓީ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ބުނެފައިވާ ގޮތުގައި ކާރު އެކްސިޑެންޓެއްގެ މައުލޫމާތު އެފަރާތަށް ލިބިގެން ހޮނިހިރު ދުވަހު މެންދުރު ކާރެއްގެ ތެރޭގައި ތާށި ވެފައިވާ މީހަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އެންޓޯނިއޯ ދުއްވާފައި ދިޔަ އޭނާގެ ފެރާރީ ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އަދި ފަޔަރ އެންޑް ރެސްކިއުގެ މީހުން އެތަނަށް ދިޔައިރު އެންޓޯނިއޯ އަށް އަނިޔާވެ އޭނާ އޮތީ ކާރު ތެރޭގައި ތާށިވެފަ އެވެ.

ޖެމެއިކާ އަށް އުފަން އުމުރުން 34 އަހަރުގެ އެންޓޯނިއޯ ވެސްޓްހޭމް ޔުނައިޓެޑް އާއި ގުޅިފައިވަނީ 2015 ވަނަ އަހަރު އެވެ. އަދި މިހާތަނަށް ލީގުގައި އޭނާ ވަނީ ވެސްޓްހޭމް އަށް ކުޅެދިން 268 މެޗުގައި 68 ލަނޑު ޖަހާފަ އެވެ. އޭނާ އަކީ އެ ކްލަބުގެ ތާރީޚުގައި ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.