ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން އެ ޤައުމުގެ ވެރިރަށް ދިމިޝްޤަށް ވަދެގަނެފައިވާ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައީސް ބައްޝާރް އަލް-އަސަދު އެ ރަށް ދޫކުރައްވައި ވަޑައިގެންފިއެވެ. ސޫރިޔާގެ އަސްކަރިއްޔާއިން ވަނީ އަސަދުގެ ވެރިކަން ނިމުނުކަން އެ ޤައުމުގެ ސިފައިންނަށް އަންގައިފައެވެ،
އެޗްޓީއެސްގެ ހަނގުރާމަވެރިން ބުނެފައިވާ ގޮތުގައި އެ މީހުން ދިމިޝްޤަށް ވަނުމަށް ސޫރިޔާގެ އަސްކަރިއްޔާއިން ހުރަސްއަޅާފައި ނުވާ ކަމަށެވެ. އަދި މިއީ ޚުދުމުހުތާރު ވެރިކަމެއްގެ ނިމުން ކަމަށާއި މިއީ ސޫރިޔާގެ ރައްޔިތުންގެ މިނިވަން ކަމުގެ ފެށުން ކަމަށް ވެސް ހަނގުރާމަވެރިން ބުނެފައިވެއެވެ.
އެޗްޓީއެސްގެ ހަނގުރާމަވެރިން ދިމިޝްޤަށް ވަދެގަތް ވަގުތު މަތިންދާބޯޓެއް އެ ރަށުގެ ވައިގެ ބަނދަރުން އުދުއްސާލި މަންޒަރު ފެނިފައިވެއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ފަހުން އެ މަތިންދާބޯޓު ރާޑަރުން ވަނީ ގެއްލިފައެވެ. ބެލެވޭ ގޮތުގައި އެއީ އަސަދު ދަތުރުކުރެއްވި މަތިންދާބޯޓެވެ.
ފާއިތުވި ދުވަސްތަކުގައި އެޗްޓީއެސްގެ ހަނގުރާމަވެރިން ވަނީ ސޫރިޔާގެ ބޮޑެތި ރަށްތައް ކަމަށްވާ ޙަލަބާއި ދަޔިރް އަލް-ޛޫރާއި ޙަމާއާއި ޙުމްސް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެޗްޓީއެސްގެ ބާރުގެ ދަށަށް އެ ރަށްތައް ގެނައުމުން އަސަދަށް ވާގިވެރިވަމުންދާ އީރާނާއި ރަޝިޔާއަށް ވަނީ ކުއްލި ސިހުމެއް ގެނުވައިފައެވެ.
އަސަދު ވެރިކަމާ ޙަވާލުވެވަޑައިގަތީ 2000ވަނަ އަހަރުގެ ތެރޭގައި އޭނާގެ ބައްޕަ ޙާފިޟް އަލް-އަސަދު އަވަހާރަވުމުންނެވެ. އަސަދުގެ ޢާއިލާ ނިޞްބަތް ވަނީ ސޫރިޔާގެ ބައިމަދު ޢަލަވީންނަށެވެ. ސޫރިޔާގެ އާބާދީގެ %74އަކީ ސުންނީ މުސްލިލުންނެވެ. އަސަދާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ގިނަ ޖަމާޢަތްތަކާ ގުޅިފައި ވަނީ ސުންނީ މުސްލިމުންނެވެ.
ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފަށާފައި ވަނީ 2011ވަނަ އަހަރު، އަސަދުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ޢާންމު ރައްޔިތުން ހަތިޔާރު އުފުލުމާ ގުޅިގެންނެވެ. ސީރިޔަން އޮބްޒަރވޭޓަރީ ފޯ ހިޔުމަން ރައިޓްސުން ބުނީ، އެ ހަނގުރާމައިގައި މަރުވެފައިވާ ކަން ކަށަވަރު ކުރެވޭ މީހުންގެ އަދަދު 507,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ. އޭގެ ތެރެއިން 164,000އަކީ ޢާންމު ރައްޔިތުން ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެތަކެއް މިލިޔަން މީހުންގެ ގެދޮރު ނެތިފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ އަމިއްލަ ވަޒަން ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަ ކޮށްފައެވެ.