ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ އަތޮޅުގެ ބައެއް ރަށްރަށަށާއި އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ތޮއްޑޫއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ތޮއްޑޫއަށް ވަޑައިގަތުން އެރަށުން އެމަނިކުފާނަށްވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނު މިއަދު ދެންވަޑައިގަންނަވާނީ ރަސްދޫއަށާއި މަތިވެރިއަށެވެ.
އެއަށް ފަހު، ރަސްދުއަށް ވަޑައިގެން އެރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ އިތުރަށް އުކުޅަހު ކައުންސިލާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހަވީރު މަތިވެރިއަށް ވަޑައިގެން އެ ރަށު ކައުންސިލްގެ އިތުރުން ހިމަންދު އާއި މާޅޮހާއި ފެރިދޫ އަދި ބޮޑުފޮޅުދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސްގެ މިދަތުރުފުޅުގައި މާދަމާ ކ. އަތޮޅުން ވަޑައިގަންނަވާނީ ގާފަރާއި ހުރާ އަދި ހިންމަފުއްޓަށެވެ. އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި މިރަށްރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރެއަށް ކުރައްވާ މި ދަތުރުފުޅުތަކަކީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާ އެމީހުންގެ ޝަކުވާތައް އަޑު އެއްސެވުމެވެ. އަދި ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ފަށާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ސާފުކުރުމާއި ރަށްރަށުގައި ކުރިއަށްގެންދަން ބޭނުންވާ މަޝްރޫޢުތަކުގެ މަޢުލޫމާތު އޮޅުން ފިލުވުމެވެ.