ޚަބަރު

ފަހަތުން އަރައި ގަންޑަކީ އަތުން އެޗްޑީސީއަށް މޮޅެއް


ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ކުލަބު ޗެމްޕިއަންޝިޕް 2024 ގައި ރާއްޖޭގެ ކުލަބު އެޗްޑީސީން ކުޅުނު ފުރަތަމަ މެޗުގައި ގަންޑަކީ ޕްރޮވިންސް އަތުން ފަހަތުން އަރައި މޮޅުވެއްޖެއެވެ.

މި މެޗު އެޗްޑީސީން ކާމިޔާބުކުރީ ފަހަތުން އަރައި ތިން ސެޓު ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކޮށްފައިވަނީ ނޭޕާލުގެ ގަންޑަކީންނެވެ. އެއީ 25-18 އަދި 25-23 އިންނެވެ. އެކަމަކު ޖެހިގެން އައި ތިން ސެޓުގައި މޮޅު ކުޅުމެއް ދައްކައި، އެޗްޑީސީން ވަނީ މި މެޗު ކާމިޔާބުކޮށްފައެވެ. މި ސެޓުތައް އެޗްޑީސީން ގެންގޮސްފައިވަނީ 25-23, 30-28 އަދި 15-13 އިންނެވެ.

ހަތަރު ގައުމަކުން ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ އެޗްޑީސީގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލުގެ ގަންޑަކީ ޕްރޮވިންވްސް އާއި، ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި، އިންޑިއާގެ ކަލިކަޓް ހީރޯސް އަދި އިރާނުގެ ޗަދޯރުމަލޫއެވެ.

މި މުބާރާތުގައި އެޗްޑީސީން ކުޅޭ ދެވަނަ މެޗުގައި މާދަމާ ނުކުންނާނީ އިރާނުގެ ޗަދޯރުމަލޫއާ ދެކޮޅަށެވެ.