ޚަބަރު

އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގު ކައިރީ ހިނގި ހަމަނުޖެހުންތަކެއްގައި 28 މަރު


އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި ހިނގި ހަމަނުޖެހުންތަކެއްގައި ޕާކިސްތާނުގެ ހަ ސިފައިންނާއި ހަތިޔާރު އެޅި 22 ހަނގުރާމަވެރިން މަރުވެފައިވާކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ތިން ޑިސްޓުރިކްޓެއްގައި ހަތިޔާރު ބޭނުންކޮށްގެން ހަމަނުޖެހުންތައް ހިނގީ ވަޒީރުސްތާނާއި އެ ޕްރޮވިންސާ އިންވެގެން އޮންނަ ސަރަޙައްދުތަކުގައި އަސްކަރިއްޔާއިން ޖާސޫސީ ޙަރަކާތްތަކެއް ހިންގި ފަހުން ކަމަށެވެ.

ތަހްރީކީ ޠާލިބާން ޕާކިސްތާނު (ޓީޓީޕީ)ގެ ނަމުން މަޝްހޫރުވެފައިވާ ޕާކިސްތާނު ޠާލިބާނުން ބުނީ އެ ޖަމާޢަތުގެ ހަނގުރާމަވެރިން ސަލާމަތީ ޗެކްޕޮއިންޓަކަށް ވަދެގަނެ ސިފައިން މަރާލާފައިވާ ކަމަށެވެ. އެ ޙާދިޘާގައި މަރުވި ހަނގުރާމަވެރިންގެ ޢަދަދު އެ ޖަމާޢަތުން ހާމަކޮށްފައެއް ނުވެއެވެ.

ޓީޓީޕީއަކީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ޠާލިބާނުންނާ ތަފާތު ވަކި ޖަމާޢަތެއް ނަމަވެސް އެ ޖަމާޢަތުން ވަނީ އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތަށް ވަފާތެރިވާނެ ކަމަށް ބުނެފައެވެ. ހަނގުރާމަވެރި އެކި ޖަމާޢަތްތަކުގެ ދަށުން މަސައްކަތްކުރާ ޓީޓީޕީން، ސަރުކާރު ވައްޓާލައި ހަރުކަށި އިސްލާމީ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަޤްސަދުގައި ހަނގުރާމަކުރާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. ފާއިތުވި މަސްތަކުގައި ޓީޓީޕީން ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދޭ ޙަމަލާތައް ވަނީ އިތުރުކޮށްފައެވެ.