ސޫރިޔާގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރު ގަދަކުރުމުން ލުބުނާނުގެ ހަނގުރާމަވެރި ޖަމާޢަތް ޙިޒްބުﷲއަށާއި އީރާނަށް ބަލިކަށިކަން ލިބެމުންދާކަމަށް އެމެރިކާއިން ލުބުނާނަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު އޭމަސް ހޮކްސްޓައިން ވިދާޅުވެއްޖެއެވެ.
ޔަހޫދީ ދަޢުލަތާއި ޙިޒްބުﷲއާ ދެމެދު ބަދަލުކުރަމުންދިޔަ ޙާމަލާތައް ހުއްޓުމަށް އެމެރިކާއިން އިސްވެ އެއްބަސްވުމެއް އެކުލަވާލުމުގައި އިސްކޮށް ޙަރަކާތްތެރިވި މަންދޫބު ވިދާޅުވީ ޙިޒްބުﷲ މުޅީން ނައްތާނުލެވުނު ނަމަވެސް އެ ޖަމާޢަތް އިތުރަށް ބަލިކަށި ވެފައިވާކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
އީރާނަކީ ސޫރިޔާގައި 2011ވަނަ އަހަރުން ފެށިގެން ހިނގަމުންދާ އަހުލީ ހަނގުރާމައިގައި ބައްޝާރު އަލް-އަސަދަށް ވާގިވެރިވާ ޤައުމެކެވެ. ސޫރިޔާގެ އަސްކަރީ ޤާބިލުކަން އިތުރަށް ވަރުގަދަ ކުރުމަށް އީރާނުން ޙިޒްބުﷲއާ ޢިރާޤުގެ ހަނގުރާމަވެރިން އެ ޤައުމަށް ފޮނުވައެވެ.
ޤަތަރުގެ ވެރިރަށް ދަވްޙާގައި ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޮކްސްޓައިން ވިދާޅުވީ ސޫރިޔާގައި މިހާރު އޮތް ޙާލަތުގެ ސަބަބުން އެ ޤައުމުގައި ޙަރަކާތްތެރިވާ ޙިޒްބުﷲގެ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް އީރާނަށް ދަތިވާނެ ކަމަށެވެ. އީރާނުން ސޫރިޔާއަށް ކުރަމުން ދިޔަ ތާޢީދު އަނބުރާ ގެންދާނެކަމުގެ އިޝާރާތްތައް ފެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްޞީލެއް ނުދެއްވައެވެ.
އީރާނުން ސޫރިޔާގައި ތިބި އެ ޤައުމުގެ ހަނގުރާމަވެރިން އަނބުރާ ގެންދަމުންދާ ކަމަށް ބުނެ ނިއު ޔޯކު ޓައިމްސްގައި ޝާއިރުކޮށްފައިވާ ރިޕޯޓެއް އީރާނުން ވަނީ ދޮގު ކޮށްފައެވެ. އެ ޤައުމުން ބުނީ ސޫރިޔާގައި ތިބި އެ ޤައުމުގެ އެންބަސީއަށް ނިޞްބަތްވާ ޢާއިލާތައް އަނބުރާ ގެންދަމުން ދާ ކަމަށެވެ.
ހޮކްސްޓައިން ވިދާޅުވީ ޔަހޫދީ ދަޢުލަތާ ހަނގުރާމަ ކުރާ ވަރަށް ނުވަތަ އަސަދަށް ވާގިވެރިވާ ވަރަށް ޙިޒްބުﷲ ބާރުގަދަ ނުވި ނަމަވެސް ލުބުނާނުގައި ވަރުގަދައަށް ޙަރަކާތްތެރި ވުމަށް މާ ބޮޑު އާރަކާއި ބާރެއް ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ބަލިކަށިވި ނަމަވެސް ވަރުގަދަ ޖަމާޢަތެއްގެ ގޮތުގައި ޙިޒްބުﷲ އަދިވެސް ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި ހަފުތާތަކުގައި ސޫރިޔާގެ އަސްކަރިއްޔާއަށް ލިބެމުންދާ ނާކާމިޔާބީތަކަކީ އެހާ ބޮޑު ހައިރާންކަމެއް ގެނެސްދޭ ކަމެއް ނޫންކަމަށް ހޮކްސްޓައިންވަނީ ފާހަޤަކުރައްވައިފައެވެ. ފާއިތުވި 13 އަހަރު ސޫރިޔާގައި ހިނގަމުންދާ އަހުލީހަނގުރާމައިގައި ބޮޑު ދެ ބާރު ކަމުގައިވާ އީރާނާއި ރަޝިޔާގެ ވާގިވެރިކަން ސޫރިޔާއަށް ލިބެމުންދިޔަ ދުވަސްވަރާ އަޅައި ކިޔާނަމަ އަސްކަރިއްޔާގެ ބާރު މިހާރު ބޮޑުތަނުން ކުޑަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.