ޚަބަރު

އިތުބާރު ނެތްކަމުގެ ވޯޓުން ދެކުނު ކޮރެޔާގެ ރައީސް ސަލާމަތްވެވަޑައިގެންފި


ދެކުނު ކޮރެޔާގެ ރައީސް ޔޫން ޔޯލް މަޤާމުން ވަކިކުރުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓުން އޭނާ ސަލާމަތްވެވަޑައިގެންފިއެވެ.

މުޅި ދުނިޔެ ސިއްސުވާލައި، ޑިސެމްބަރ 3 ވަނަ ދުވަހު ޔޫން ކުއްލިހާލަތު އިޢުލާނު ކުރެއްވީ، އިދިކޮޅު ޕާޓީތަކުން ދައުލަތާ ދެކޮޅަށް މަސައްކަތް ކުރަމުންދާތީ އެ ކަން ހުއްޓުވަން ކަމަށް ވިދާޅުވެއެވެ. އެކަމަކު ކުއްލި ޙާލަތު އިޢުލާނު ކުރެއްވިތާ ހަ ގަޑިއިރު ތެރޭގައި އެ ނިންމެވުން ޔޫން ބާތިލުކުރެއްވީ އަމިއްލަ ޕާޓީގެ ބައެއް މެންބަރުންގެ ވެސް ތާއީދާ އެކު، ކުއްލިހާލަތު އުވާލަން ޤާނޫނުހަދާ މަޖިލީހުން ފާސްކުރުމުންނެވެ. ނިންމުން ބާޠިލް ކުރެއްވި ނަމަވެސް އެ ފިޔަވަޅާއެކު އޭޝިޔާގެ ހަތަރުވަނައަށް އެންމެ ބޮޑު އިޤްތިޞާދު އަދި އެމެރިކާގެ މައި އަސްކަރީ ބައިވެރިއެއް ކަމަށްވާ ދެކުނު ކޮރެޔާ ވަނީ ފާއިތުވި ދިހަ އަހަރުދުވަހު ކުރިމަތި ނުވާވަރުގެ ސިޔާސީ ކާރިޘާއަކާ ކުރިމަތިލާނއ ޖެހިފައެވެ. އެ ޤައުމަކީ ދިމުގުރާތީ ގޮތުން ކާމިޔާބު ޤައުމެއްގެ ގޮތުގައި އޮތް އޮތުމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ރައީސް ޔޫން ވަނީ ކުއްލި ޙާލަތު އިޢުލާނުކުރެއްވިކަމަށްޓަކައި ޤައުމުގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް މަޤާމުން އިސްތިއުފާ ދިނުމަށް ގޮވާލަމުންދާ ގޮވާލުންތަކަށް އިޖާބަ ނުދެއްވާނެ ކަމަށް އިޝާރާތް ކުރެއްވިއެވެ. ޤައުމުގެ ސިޔާސީ މަޝްރަހު ހަމައަކަށް އެޅުވުމުގެ ޒިންމާ އޭނާގެ ޕާޓީ، ޕީޕަލް ޕަވަރ ޕާޓީ (ޕީޕީޕީ)އާ ޙަވާލުކުރައްވާފައިވާ ކަމަށް ހާމަކުރައްވާ ޔޫން އިތުރަށް ވިދާޅުވީ އޭނާ މަޤާމުގައި ދެމިހުރުމާ ގުޅޭގޮތުން ނިންމުމެއް ނިންމާނީވެސް ޕާޓީން ކަމަށެވެ. އަދި ދެވަނަ ފަހަރަށް ކުއްލި ޙާލަތު އިޢުލާނު ނުކުރައްވާނެކަމަށް ވެސް އޭނާ ވަޢުދުވެވަޑައިގަތެވެ.

އޭގެ ފަހުން ޕާޓީގެ ލީޑަރު ހަން ޑޮންގް-ހޫންވަނީ ޔޫންއަކީ ޤައުމީ ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވައި އޭނާ އިސްތިޢުފާ ދެއްވަންޖެހޭކަމަށް ވިދާޅުވެފައެވެ. ޔޫން މަޤާމުން ދުރުކުމަށް 300 މެންބަރުންގެ މައްޗަށް އެކުލެވޭ ޤާނޫނު ހަދާ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތު ބޭނުންވެއެވެ. މަޖިލީހުގައި ޕީޕީޕީގެ 108 މެންބަރުން ތިބި އިތު ޔޫންގެ އިތުބާރު ނެތްކަމަށް ފާސް ކުރުމަށް ޕީޕީޕީގެ މަދުވެގެން އަށް މެންބަރުންގެ ތާއީދު އިދިކޮޅު ފަރާތްތަކުން ހޯދަންޖެހެއެވެ. ނަމަވެސް ފަހު ވަގުތު ޕީޕީޕީގެ މެންބަރުންވަނީ އިތުބާރު ނެތްކަމުގެ ވޯޓު ބޮއިކޮޓު ކޮށްފައެވެ.

ހޮނިހިރު ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޕީޕީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ވަކި ހިސާބަކުން ތަޅުން ދޫކުރައްވައި ގޮސްފައެވެ. ވޯޓު ނަގަން 200 ވޯޓު ބޭނުންވި ނަމަވެސް ވޯޓުގައި ބައިވެރިވެފައިވަނީ އެންމެ 195 މެންބަރުންނެވެ. އެއީ ޔޫންގެ ޕާޓީއަށް ނިސްބަތްވާ ތިން މެންބަރުން ހިމަނައިގެންނެވެ. އެހެންކަމުން ޔޫންގެ އިތުބާރު ނެތްކަމުގެ ހުށަހެޅުންވަނީ ބާޠިލު ކޮށްފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ތަޅުމުގައި ހިނގަމުންދާ ކަންކަން މުޅި ދުނިޔެއިން ބަލަލުންދާ ކަމަށާއި ވޯޓު ގުނޭ ވަރަށް ވޯޓުގައި މެންބަރުން ބައިވެރިވެފައި ނުވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

އިދިކޮޅު ޑިމޮކްރަޓިކް ޕާޓީން ބުނީ ޔޫންގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ތަޅުމަށް ވައްދާނެ ކަމަށެވެ. އެ ޕާޓީން ބުނީ އެ މަސައްކަތް ދެން ކުރިއަށް ގެންދާނީ މި ފަހަރަށް ވުރެ ރޭވުންތެރިކޮށް ތަރުތީބުކޮށް ޒިންމާދާރުކަމާއެކުގައި ކަމަށެވެ.

ވޯޓު ބޮއިކޮޓުކުރުން ދިފާޢުކޮށް ޕީޕީޕީއިން ބުނީ 2016ވަނަ އަހަރު އެ ޤައުމުގެ ކުރީގެ ރައީސް ޕާކް ގުން-ހޭ މަޤާމުން ދުރުކުރި ގޮތަށް ރައީސް ޔޫން މަޤާމުން ދުރުކުރުމަށް ފުރުޞަތު ނުދޭނެކަމަށެވެ. ޕާކް ގުން-ހޭ އިސްތިޢުފާ ދެއްވުން ވެގެން ދިޔައީ ޕާޓީ ފުނޑުފުނޑުވެ ރިޔާސީ އަދި ޢާންމު އިންތިޚާބުތައް ލިބަރަލުން ކާމިޔާބުކުރުމަށް މަގުފަހިވީ ކަމަކަށެވެ.

"ރައީސް މަޤާމުން ދުރުކުރުމުގެ ސަބަބުން ދަޢުލަތާއި ދުސްތޫރީ ސަރުކާރު ހުއްޓުމަކަށް އައުން އެއީ ދެވަނަ ފަހަރަށް ތަކުރާރު ކުރެވޭނެ ކަމެއް ނޫން،" ޕީޕީޕީގެ ތަރުޖަމާނު ޝިން ޑޮން-އަކް ވިދާޅުވިއެވެ.

ޔޫންގެ ފަސް އަހަރުގެ ރިޔާސީ ދައުރު ހަމަވުމުގެ ކުރިން އޭނާ އިސްތިޢުފާ ދެއްވައިފި ނަމަ ނުވަތަ މަޤާމުން ދުރުކޮށްފި ނަމަ 60 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބު ބާއްވަންޖެހޭނެކަމަށް ދެކުނު ކޮރެޔާގެ ޤާނޫނު އަސާސީ ޝަރުތުކުރެއެވެ.