ޚަބަރު

އޭސީސީގެ ދެ މުބާރާތެއްގައި ގައުމީ ކްރިކެޓް ޓީމު ވާދަކުރަނީ


އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އިން އަންނަ އަހަރު ބާއްވާ ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ވާދަކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެގޮތުން އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ މެންސް ޗެލެންޖާސް ކަޕުގައި ރާއްޖެއިން ވާދަކުރާއިރު، އެ މުބާރާތުގައި ވާދަކުރާނީ އޭސީސީގެ މެންބަރު ގައުމުތަކުގެ ތެރެއިން ރޭންކިންގެ 14 އިން ފެށިގެން 24 އާ ދޭތެރޭގައި ހިމެނޭ ޓީމުތަކެވެ. އޭގެ ތެރޭގައި ސިންގަޕޫރާއި، ތައިލެންޑުގެ އިތުރުން ސައުދީ އަރަބިއްޔާ ހިމެނެއެވެ.

އެ މުބާރާތުގެ އިތުރުން ދެން ރާއްޖެއިން ވާދަކުރާނީ އަންނަ އަހަރުގެ މެއި މަހު ބާއްވާ އޭސީސީ 16 އަހަރުން ދަށުގެ އީސްޓް ޒޯން ކަޕުގައެވެ. އެ މުބާރާތް ކުރިޔަށްދާނީ 50 އޯވަރަށެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން 16 އަހަރުން ދަށުގެ ޓީމުގެ ފަރިތަކުރުންތައް އަންނަ އަހަރު ފެށުމަށް ހަމަޖެހިފަވާއިރު، ސީނިއަރ ޓީމުގެ ފަރިތަކުރުންތައް މި މަހުގެ 17 ވަނަ ދުވަހު ފެށޭނެ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މައުލޫމާތުދެއެވެ.

މި ދެ މުބާރާތުގައި ރާއްޖެއިން ވާދަކުރާއިރު މުބާރާތް ބާއްވާނެ ގައުމުތައް އޭސީސީން އަދި މިހާތަނަށް ނިންމާފައެއް ނުވެއެވެ.