ދުނިޔެ

ސޫރިޔާ ރައްޔިތުންނަށް ދޭ އަނިޔާތައް ނިމުމަކަށް ގެންނަންޖެހޭ- އދ


ސޫރިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓުވައި އެހަނގުރާމައިގެ ސަބަބުން ސޫރިޔާގެ ރައްޔިތުން ބަރުދާސްތުކުރާ އަނިޔާތައް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމަށް އދ.ގެ އިސް ބައެއް އޮފިޝަލުން ދުނިޔޭގެ ބޮޑެތި ބާރުތަކަށް ގޮވާލައިފިއެވެ. ސޫރިޔާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ތަޙްޤީޤުކުރާ އދ.ގެ ކޮމިޝަންގެ ވެރިޔާ ޕައުލޯ ޕިންހެއިރޯ ވިދާޅުވީ، ސޫރިޔާގެ ޢާންމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކުގައި ހަތިޔާރުއެޅި ޖަމާޢަތްތަކުގެ އިތުރުން ސޫރިޔާގެ ސަރުކާރުވެސް ޝާމިލްވާކަމަށާއި މިކަން ހުއްޓުވަން ބޮޑެތި ބާރުތަކުން މަސައްކަތް ކުރަންޖެހޭކަމަށެވެ.

ސޫރިޔާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ތަހްގީގުކުރާ އދ. ގެ ކޮމިޝަންގެ ވެރިޔާ ޕައުލޯ ޕިންހެއިރޯ މިހެންވިދާޅުވީ ޖެނީވާގައި ބޭއްވި އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޕައުލޯ ވިދާޅުވީ ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގަނީ ކަންބޮޑުވާ މިންވަރަށް ކަމަށާ މިކަން ހުއްޓުވުމުގައި ބައިނަލްއަގްވާމީ މުޖްތަމައު ނާކާމިޔާބުވެފައިވާ ކަމަށެވެ. ސޫރިޔާގެ އާންމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތަކުގެ ތެރޭގައި އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ އާއި އަލްގާއިދާފަދަ ހަރުކަށި ޖަމާއަތްތަކުގެ އިތުރުން ސޫރިޔާ ސިފައިންގެ ލަޝްކަރުތައްވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. ސޫރިޔާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހްގީގްކުރުމުގައި ލިބިފައިވާ ކުރިއެރުންތައް، އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލާ ހިއްސާ ކުރައްވަމުން ޕައުލޯ ވިދާޅުވީ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެނެވޭނީ ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެވިގެންކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14625186903938.jpg|ސޫރިޔާ ހަނގުރާމައިގެ ތެރެއިން - ފައިލް ފޮޓޯ: ޒިންހުއާ

މިކަމަށްޓަކައި ސޫރިޔާ ސަރުކާރާއި އިދިކޮޅު ޖަމާއަތްތައް ސުލްހައިގެ މޭޒުދޮށަށްގެންގޮސް ސޫރިޔާގެ މައްސަލަ ސިޔާސީ ގޮތުން ހައްލުކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށް އދ. ގެ މުހައްގިގުންގެ ކޮމިޝަންގެ ވެރިޔާ ވިދާޅުވިއެވެ. ޕައުލޯގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖެނީވާގައި ހުންނަވާ ސޫރިޔާގެ ސަފީރު ޙުސާމް އަލާ ވިދާޅުވީ ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް އަވަށްޓެރި ބައެއް ގައުމުތަކުން އެހީތެރިވާއިރު އދ. ގެ މުހައްގިގުންގެ ރިޕޯޓްތަކުގައި އެކަން ފާހަގަ ނުކުރާ ކަމަށް. އަދި ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ރޫޅިގެންދިޔައީވެސް ޓެރަރިސްޓް ޖަމާއަތްތަކާއި އެޖަމާއަތްތަކަށް ވަގިވެރިވާ ފަރާތްތަކުގެ ސަބަބުންކަމަށް ސޫރިޔާގެ ސަފީރު ތުހުމަތުކުރެއްވިއެވެ. އަނެއްކޮޅުން އދ. ން ކުރިޔަށްގެންދާ އިންސާނީ އެހީގެ ޕްރޮގްރާމްތަކުގެ ވިލަރެސްވެރިޔާ ސްޓީވަން އޮޕެރައިން ވެސްވަނީ ސޫރިޔާގެ އާންމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގައި ހަތިޔާރުއެޅި ޖަމާއަތްތަކުގެ އިތުރުން ސޫރިޔާގެ ސަރުކާރުވެސް ޝާމިލްވާކަމަށް ތުހުމަތު ކުރައްވާފައެވެ. 

އދ.ގެ ޖެނެރަލް އެސެމްބްލީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އޮޕެރައިން ވިދާޅުވީ ސޫރިޔާގެ ހަނގުރާމައިގާ ޝާމިލްވާ ހުރިހާ ފަރާތްތަކަކުންވެސް އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށެވެ. އދ. ގެ މަސްއޫލުވެރިޔާގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އދ. ގައި ހުންނަވާ ރަޝިޔާގެ މަންދޫބު ވްލަޑިމިއަރ ސާވްރޮންކޯވް ވިދާޅުވީ ސޫރިޔާ ސިފައިން ކުރިމަތިލާން ޖެހިފައިވަނީ ދުނިޔޭގައިވާ އެންމެ ނުރައްކާތެރި ޓެރަރިސްޓު ޖަމާއަތްތަކާ ކަމަށާ އދ. ގެ މަސްއޫލުވެރިންނަށް މިކަން އެނގިވަޑައި ނުގަންނަވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.