އެމެރިކާގެ އެންބީއޭގައި ހުކުރު ދުވަހު ކުޅުނު މެޗުގައި އިތުރު ވަގުތުގެ ކުޅުމަށްފަހު އެޓްލާންޓާ ހޯކްސް އަތުން 134 ޕޮއިންޓް 132 ޕޮއިންޓުން ލޮސް އެންޖެލަސް ލޭކާސް ބަލިވެއްޖެއެވެ.
މިއީ ލޭކާސްގެ ޖެހިޖެހިގެން ތިންވަނަ ބައްޔެވެ. އަނެއްކޮޅުން، މިއީ ހޯކްސް ޖެހިޖެހިގެން މޮޅުވި ހަވަނަ މެޗެވެ.
ސްޓޭޓް ފާމް އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާގައި ތިން ޕޮއިންޓްގެ ފަރަގާއެކު، 29 ޕޮއިންޓް 26 ޕޮއިންޓުން ލޭކާސް ކުރިހޯދާފައިވަނިކޮށް، ހޯކްސް އިން ވަނީ ދެވަނަ ކުއާޓާގައި ހަމަ ތިން ޕޮއިންޓްގެ ފަރަގަކުން ކުރިހޯދާފައެވެ. މިއާއެކު، ފުރަތަމަ ދެ ކުއާޓާ ނިމުނުއިރު ވެސް ދެ ޓީމު އޮތީ 64 ޕޮއިންޓުން އެއްވަރުވެފައެވެ.
ދެންޖެހިގެން އައި ތިންވަނަ ކުއާޓާގައި ލޭކާސް އިން އަނެއްކާވެސް ތިން ޕޮއިންޓްގެ ފަރަގާއެކު، 33 ޕޮއިންޓް 30 ޕޮއިންޓުން ކުރިހޯދިއެވެ. ކުރިއެކޭ އެއްގޮތަށް ފަހު ކުއާޓާގައި 25 ޕޮއިންޓް 22 ޕޮއިންޓުން ކުރިހޯދައި، ހޯކްސް އިން ވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފައެވެ.
މި މެޗުގެ ހަތަރު ކުއާޓާގެ ކުޅުން ނިމުނުއިރު ދެ ޓީމު 119 ޕޮއިންޓުން އެއްވަރުވެފައި އޮތުމުން، އިތުރުވަގުތުގެ ތެރޭގައި 15 ޕޮއިންޓް 13 ޕޮއިންޓުން ހޯކްސް ކުރިހޯދައި، މެޗު ކާމިޔާބުކުރީ ނިމެން ހަތް ސިކުންތަށް ވެފައިވަނިކޮށް ޓްރޭ ޔަންގް ވައްޓާލި ތްރީ-ޕޮއިންޓަކުންނެވެ.
ހޯކްސް އަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ޓްރޭ ޔަންގް ވަނީ 31 ޕޮއިންޓާއެކު 20 އެސިސްޓް ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޑެއަންޑްރޭ ހަންޓާ ވަނީ 26 ޕޮއިންޓްއެއްކޮށްފައެވެ. މީގެއިތުރުން، އެ ޓީމުގެ ބޮގްޑާން ބޮގްޑަނޮވިޗް ވަނީ 20 ޕޮއިންޓާއެކު ހަ ރީބައުންޑް ނަގައިފައެވެ.
ލޭކާސް އިން އެންމެ ރަނގަޅަށް ކުޅުނީ 39 ޕޮއިންޓާއެކު، 10 ރީބައުންޑާއި 11 އެސިސްޓް ހަދައި ޓްރިޕަލް-ޑަބަލްއެއް ފުރިހަމަކުރި ލެބްރޮން ޖޭމްސް އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ އެންތަނީ ޑޭވިސް އެވެ. ޑޭވިސް ވަނީ 38 ޕޮއިންޓާއެކު 10 ރީބައުންޑްނަގައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ.