ޚަބަރު

ޕާމާ އަތުން އިންޓަރ މިލާން މޮޅުވެއްޖެ


އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޕާމާ އަތުން 1-3 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާން މޮޅުވެއްޖެއެވެ.

މި ނަތީޖާއާއެކު އިންޓަ އޮތީ ތިންވަނައިގައެވެ. މިވަގުތު އެއްވަނައިގައި އުޅޭ އެޓަލާންޓާ އަށް 15 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ. ދެވަނައިގައި އޮތް ނަޕޯލީ އަށް އެއްމެޗު މަދުން ކުޅެގެން ލިބިފައިވަނީ 32 ޕޮއިންޓެވެ. އިންޓަ މިލާން ތިންވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރުވަނައިގައި އޮތް ފިއޮރެންޓީނާ އަށް 13 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.

އިންޓަގެ ސެން ސީރޯގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް އެ ޓީމުން ލީޑްނެގީ އިޓަލީގެ ވިންގްބެކް، ފެޑެރީކޯ ޑިމާކޯ ވައްދާލި ލަނޑުންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި އޭނާ މި ލަނޑުޖެހީ އާމީނިއާގެ ހެންރިކް މިކިތާރްޔަން ދިން ބޯޅައަކުންނެވެ.

އޭގެކުރީން، މެޗުގެ އަށްވަނަ މިނެޓުގައި އިންޓަ އަށް ޕެނަލްޓީއެއް ދޭން ނިންމުމަށްފަހު ރެފްރީ ވަނީ ވީއޭއާރް އިން ބެލުމަށްފަހު އެ ނިންމުން ބަދަލުކޮށްފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ އަށްވަނަ މިނެޓުގައި ނިކޮލޯ ބަރެއްލާ ވަނީ އިންޓަގެ ދެވަނަ ލަނޑުޖަހައިދީފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް މިކިތާރްޔަން އެވެ. އިންޓަގެ ތިންވަނަ ލަނޑު، 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް، މާކަސް ތުރާމް އެވެ. މިއީ ލީގުގައި ކުޅުނު 15 މެޗުގައި އޭނާ ޖެހި 10 ވަނަ ގޯލެވެ.

މި މެޗުގައި ޕާމާ އިން ޖެހި ހަމައެކަނި ލަނޑަކީ، 81 ވަނަ މިނެޓުގައި އިންޓަގެ އިޓަލީ ޑިފެންޑަރު، މަޓެއޯ ޑާމިއާން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ލީގުގައި އިންޓަ އަށް ދެން އެންމެ އަވަހަށް އޮތީ މި މަހުގެ 17 ވަނަ ދުވަހު ރަށުން ބޭރުގައި ލާޒިއޯއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އޭގެކުރީން، ޔުއެފާ ޗެމްޕިއަންސް ލީގުގައި މި މަހުގެ 11 ވާ ބުދަދުވަހު ރަށުން ބޭރުގައި ނިކުންނާނީ ބަޔާ ލެވަކޫސަންއާ ދެކޮޅަށެވެ.