އދ. ކުނބުރުދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފިއެވެ.
ރާއްކާތެރި ފެނުގެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން ކުނބުރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
ފެނުގެ ރައްކާތެރި ނިޒާމެއް ނެތުމުގެ ސަބަބުން ކުނބުރުދޫގެ ރައްޔިތުންވެސް މިހާތަނަށް ވަނީ ބޮޑު ތަކްލީފެއް އުފުލާފައެވެ. އެހެންނަމަވެސް އެތަކުލީފަށް ލުޔެއް ގެނައުމަށް ކުނބުރުދޫގައި ރައްކާތެރި ބޯފެން ލިބޭނެ ނިޒާމެއް ގާއިމްކުރުމަށް ފެށި މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
ކުނބުރުދޫގެ ފެނުގެ ނިޒާމް ޤާއިމްކޮށް ނިމުމާއި ގުޅިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ސޯޝިއަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުނބުރުދޫގެ ފެނުގެ ނިޒާމު ގާއިމުކޮށްނިމި ރައްޔިތުންނަށް ރައްކާތެރި ފެނުގެ ޚިދުމަތް ކަށަވަރުވެގެން ދިޔައީ ވަަރަށް ގިނަބައެއްގެ ބުރަ އަދި މިންނެތް މަސައްކަތުން ކަމަށެވެ.
އދ. ކުނބުރުދޫގައި ފެނުގެ ނިޒާމު ޤާއިމުކޮށްނިމި ރައްޔިތުންނަށް ރައްކާތެރި ފެނުގެ ޚިދުމަތް ކަށަވަރުވެގެން މިދިޔައީ ވަަރަށް ގިނަބައެއްގެ ބުރަ އަދި މިންނެތް މަސައްކަތުން. އެކަމަށްޓަކައި މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލުމުގައި އެކި ގޮތްގޮތުންނާ އެކި ހައިސިއްޔަތުން ބައިވެރިވި… pic.twitter.com/8K5noFW1wr
— Abdul Matheen (@amathyn) December 6, 2024
ސަރުކާރުގެ ބަޖެޓުން 45 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި އެ މަޝްރޫއުގައި އެރަށުގައި 2.75 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅާފައިވެއެވެ. އަދި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން، ފެން ރައްކާ ކުރުމަށްޓަކައި ތިން ތާނގި ވަނީ ބަހައްޓަފައެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައި ދިނުން ވެސް އެ މަޝްރޫއުގެ ތެރެއިން ކޮށްފައިވެއެވެ.
އަތޮޅުތަކުގެ ތަރައްގީގެ ދުވެލި ކުރިއަށްޖައްސައި އާބާދީގެ ކުޑަބޮޑުމިނެއް ބެލުމެތްނެތި ތަރައްޤީގެ މަޝްރޫއުތައް އަތޮޅުތަކުގައި ހިންގުމަކީ ސަރުކާރުގެ އަމާޒެކެވެ.