ޚަބަރު

އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިންޑިޔާއަށް ގެއްލުންދޭން އުޅޭކަމަށް ބީޖޭޕީން ތުހުމަތުކޮށްފި


  • []

އިންޑިޔާގެ އިދިކޮޅު ސިޔާސީ ލީޑަރު ރާހުލް ގާންދީއާއި ތަހުޤީޤީ ނޫސްވެރިންގެ ބަޔަކާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާއާއި ޑީޕް ސްޓޭޓަށް ނިސްބަތްވާ ފަރާތްތަކުން އިންޑިޔާގައި ހަމަނުޖެހުން އުފައްދަން އުޅޭކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ބަރާތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ން ތުހުމަތުކޮށްފިއެވެ.

އިންޑިޔާއާއި އެމެރިކާއަކީ މިދިޔަ ވިއްސަކަށް އަހަރު ދުވަހު ގާތްގުޅުންތަކެއް ބަދަހިކުރަމުން އައި ދެ ޤައުމުކަމުގައިވާތީ ބީޖޭޕީގެ މި ތުހުމަތުތައް އައިސްފައި ވަނީ ސިހުމެއްގެ ގޮތުގައެވެ. ދެ ޤައުމަކީ ވެސް ޚިޔާލު ތަފާތުވުންތަކެއް ހުރިކަމުގައިވީ ނަމަވެސް ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމަށް އެއްބަސްވެފައިވާ ދެ ޤައުމެވެ.

ބީޖަެޕީން ބުނީ ގާންދީގެ ކޮންގްރެސް ޕާޓީން ތަހުޤީޤީ ނޫސްވެރި ޖަމާޢަތެއް ކަމުގައިވާ އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް (އޯސީސީއާރުޕީ)ގެ ލިޔުންތަކުގެ ތެރެއިން އިންޑިޔާގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި އަދާނީ ގުރޫޕާއި ސަރުކާރާ ދެމެދު އޮންނަ ގާތް ގުޅުމާ ގުޅޭގޮތުން ލިޔެފައިވާ ލިޔުންތައް މޯދީގެ މަޤުބޫލުކަން ގެއްލޭގޮތަށް ބޭނުންކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހު އަދާނީ ގުރޫޕުގެ ޗެއާމަން ގައުތަމް އަދާނީއާއި އިތުރު ހަތް މީހުންގެ މައްޗަށް އިންޑިޔާގެ އިސް ފަރާތްތަކަށް ރިޝްވަތު ދިނުމަށް 265 ބިލިއަން އެމެރިކާ ޑޮލަރުގެ ސްކީމެއްގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް އެމެރިކާއިން ވަނީ ދަޢުވާ އުފުލައިފައެވެ. ނަމަވެސް އެ ކުންފުނިން ވަނީ މި ތުހުމަތުތަކަކީ އަސްލެއް ނެތް ތުހުމަތުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އިންޑިޔާގެ ސަރުކާރަށް ފާޑުކިޔާ މީހުންނަށް އަމާޒުކޮށް އިސްރާއީލުން އުދައްދާފައިވާ ޕެގަސަސް ސްޕައިވެއާ ދައުލަތުން ޚަރަދުކުރާ ހެކަރުންތަކެއް ބޭނުންކުރާކަމަށް އޯސީސީއާރުގެ ލިޔުންތަކުގައި ތުހުމަތުކޮށްފައިވެއެވެ. މި ދެ ތުހުމަތަށް ވެސް އިންޑިޔާގެ ސަރުކާރުން އިންކާރުކުރެއެވެ.

"މި ރޭވުންތަކުގެ ފަހަތުގައި އަބަދުވެސް އޮތީ އެމެރިކާގެ ސްޓޭޓް ޑީޕާޓްމަންޓު. އޯސީސީއާރުޕީއަކީ ޑީޕް ސްޓޭޓްގެ އެޖެންޑާތައް ކުރިއެރުމުވުގައި ޙަރަކާތްތެރިވާ ހަތިޔާރެއް،" އެކްސްގައި ލިޔެފައިވާ ސިސްސިލާ މެސެޖުތަކެއްގައި ބީޖޭޕީން ބުންޏެވެ.

ބީޖޭޕީގެ ޤައުމީ ތަރުޖަމާނު އަދި ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ސަމްބިތު ޕާތުރާ ވަނީ އެ ޕާޓީން ބޭއްވި ރަސްމީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ތުހުމަތުތައް ތަކުރާރުކުރައްވާފައެވެ.

"'ފަރަންސޭސިވިލާތުގެ ތަހުޤީގީ ނޫސްވެރިންގެ ޖަމާޢަތަކުންވަނީ އޯސީސީއާރުޕީއަށް ލިބޭ ފައިސާގެ 50 އިންސައްތައަކީ ސީދާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ޚަރަދުކުރާ ފައިސާކަމަށް ހާމަކޮށްފަ. އޯސީސީއާރުޕީއަކީ ޑީޕް ސްޓޭޓުގެ މަސައްކަތްތައް ހިނގުމުގައި ޙަރަކާތްތެރިވާ މީޑިއާ ޓޫލެއް،" އޭނާ ވިދާޅުވިއެވެ.

ތުހުމަތުތަކާ ގުޅޭގޮތުން އޯސީސީއާރުޕީން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާޢަތަކީ މިނިވަން މީޑިޔާއެއްކަމަށާއި އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމެއް ނޯންނަކަމަށެވެ.

"އެމެރިކާގެ ސަރުކާރުން އޯސީސީއާރުޕީއަށް ކޮންމެވެސް ވަރަކަށް ޚަރަދުކުރި ނަމަވެސް އަޅުގަނޑުމެންގެ އެޑިޓޯރިއަލް މަރުޚަލާތަކަށް ބާރެއް ނޯންނާނެ. އަދި އަޅުގަނޑުމެންގެ ރިޕޯޓުތަކުގެ މައްޗަށްވެސް އެއްވެސް ބާރެއް ނުހިނގޭނެ،" އެ ބަޔާނުގައި ބުންޏެވެ.

އިންޑިޔާގެ އިދިކޮޅު ލީޑަރުން ގައުތަމް އަދާނީ ސިފަކުރައްވަނީ ބޮޑުވަޒީރު މޯދީ އަބަދުވެސް އެބޭފުޅަކު ހިމާޔަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެމެރިކާއިން އަދާނީއާ ދެކޮޅަށް ދައުވާކުރުމުން އިންޑިޔާގެ ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ޤާނޫނުހަދާ މަޖިލީހުގެ އިދިކޮޅު މެންބަރުން އެ ކަމާމެދު މަޝްވަރާ ކުރުމަށް އެދެމުން މިދިޔަ ހަފުތާގައި އެކި ފަހަރުމަތުން ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލައިފައެވެ.