އިނގިރޭސިވިލާތުގެ އިންގްލެންޑާއި ވޭލްސްގައި 2023ވަނަ އަހަރު އުފަންވި ފިރިހެން ކުދިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ކުދިންނަށް ދީފައިވާ ނަމަކީ މުޙައްމަދު ކަން ހާމަވެއްޖެއެވެ. މި ކަން ހާމަކޮށްފައި ވަނީ އިނގިރޭސިވިލާތުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކް (އޯއެންއެސު)ންނެވެ. އެ ކުދިންނަށް ނަން ކިޔާފައި ވަނީ، އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ މުޙައްމަދު ﷺ ގެ ނަންފުޅާ ގުޅުވައިގެންނެވެ.
އިންގްލެންޑާއި ވޭލްސްގައި 2022ވަނަ އަހަރު އުފަންވި ފިރިހެން ކުދިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ކުދިންނަށް ނަން ދީފައި ވަނީ ރަސޫލު ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނޫޙް عَلَيْهِ ٱلسَّلَامُ ގެ ނަންފުޅާ ގުޅުވައެވެ. ނަމަވެސް، ހުސްވި އަހަރު ނޫޙްގެފާނުގެ ނަންފުޅު ފަހަތަށް ޖެއްސުމަށް ފަހު، ސަލާމާތި ޞަލަވާތްލެއްވި މުޙައްމަދު ނަބީކަލޭގެފާނުގެ ނަންފުޅު މި ވަނީ އެންމެ މަޝްހޫރު ނަމުގެ ލަޤަބު ހޯދާފައެވެ.
އޯއެންއެސުން ބުނީ، އިންގްލެންޑާއި ވޭލްސްގައި 2023ވަނަ އަހަރު އުފަންވި ފިރިހެން ކުދިންގެ ތެރެއިން 4,600 ކުދިންނަށް ދީފައިވާ ނަމަކީ މުޙައްމަދު ކަމުގައެވެ. އެ ދެ ސަރަޙައްދުގައި އެންމެ މަޝްހޫރު 10 ނަމުގެ ލިސްޓުގައި 2016ވަނަ އަހަރުން ފެށިގެން މުޙައްމަދު، މި ނަން ދިޔައީ ފިޔަ ޖަހަމުންނެވެ. 2022ވަނަ އަހަރުން ފެށިގެން އެ ދެ ސަރަޙައްދުގައި ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފިރިހެން ކުދިންނަށް ދީފައިވާ ނަމަކީ ވެސް އެއީއެވެ.
2023ވަނަ އަހަރުގެ ލިސްޓަށް ބަލައިލާއިރު، ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފިރިހެން ކުދިންނަށް ދީފައި ނަމަކީ އޮލިވަރއެވެ. އެއަށްފަހު އެންމެ މަޝްހޫރު ނަމަކީ ޖޯޖެވެ. އަންހެން ކުދިންނަށް ދީފައިވާ ނަންތަކަށް ބަލައިލާއިރު، 2023ވަނަ އަހަރު އުފަންވި ކުދިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ކުދިންނަށް ކިޔާފައި ވަނީ އޮލިވިޔާއެވެ. ދެވަނައާއި ތިންވަނައަށް އެންމެ މަޝްހޫރު ނަންތަކަކީ އެމީލިޔާ އަދި އައިލާއެވެ.
އޯއެންއެސުން ބުނީ، މަޝްހޫރު ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންގެ ނަމާ ގުޅުވައި ދަރިންނަށް ނަން ދިނުން ވެސް އިތުރުވެފައިވާ ކަމުގައެވެ. މި ގޮތުން މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ބިލީ އައިލިޝާއި ލާނާ ޑެލް ރޭގެ ނަމާ ގުޅުވައި ދަރިންނަށް ނަން ދިނުން އިތުރުވެފައިވާ ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ.
މީގެ އިތުރުން، ފިލްމީ ތަރިން ކަމުގައިވާ މާގޯ ރޮބީ އަދި ކިލިޔަން މަރފީގެ ނަން ވެސް ދަނީ މަޝްހޫރު ކަން ހޯދަމުންނެވެ. ނަމަވެސް، އިނގިރޭސި ޝާހީ ޢާއިލާގެ ބޭފުޅުންގެ ނަންތައް ކަމުގައިވާ ޖޯޖް، އާރޗީ، ހެރީ އަދި ޝާލޮޓް ފަދަ ނަންތަކުގެ މަޝްހޫރު ކަން ކެނޑިފައިވާ ކަމުގައި ވެސް އޯއެންއެސުން ބުންޏެވެ.