ޚަބަރު

އަދީބު މާފުށި ޖަލަށް ބަދަލުކޮށްފި


25 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ފުލުހުންގެ ބަންދުން މާފުށީ ޖަލަށް ބަދަލުކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ އިއްޔެގެ ވަގުތެއްގައި އަހުމަދު އަދީބް ކަރެކްޝަނަލް ސަރވިސަސްއާއި ހާވާލުކުރައްވާފައިވާކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި މާފުށީ ޖަލަށް އަދީބު ބަދަލުކުރައްވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަހުމަދު  އަދީބު އިއްޔެ މާފުށީ ޖަލަށް ބަދަލުކުރައްވާފައި މިވަނީ އެނާގެ މައްޗަށް ޖަލަށްލުމަށް ހުކުމްކުރިތާ ސޯޅަ ދުވަސް ފަހުންނެވެ.

އަދީބު މާފުށީ ޖަލަށް ބަދަލުކުރައްވާފައި މިވަނީ އެނާ ޖަލަށްލުމަށް ހުކުމް ކުރުމުންވެސް މާފުއްޓަށް ބަދަލު ނުކުރައްވާ ދޫނިދޫގައި ބަހައްޓަވާފައި ހުންނާތީ އެކަމާއި އެނާގެ ވަކީލުން ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށެވެ. މިކަންބޮޑުވުންތަކާއި ގުޅިގެން މީޑިއާއަށް މައުލޫމާތުދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު އޭރު ވިދާޅުވީ ފުލުހުންގެ ބަންދުން އަހުމަދު އަދީބު ދޫކުރައްވާނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު ނިމުމުންކަމަށެވެ. އަދި ފުލުހުންގެ ބަންދުގައި އަދީބު ބަހައްޓަވާފައި ހުރީ ކަމާއި ގުޅޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށް ފަހުކަމަށެވެ. އެހެންމަވެސް އަހުމަދު އަދީބާއި ގުޅިގެން ފުލުހުން ތަހުގީގު ކުރައްވަމުން ގެންދަވަނީ ކޮންކޮން މައްސަލަތަކެއް ކަމެއް ނަވާޒު ވިދާޅުވެފައެއްނުވެއެވެ.

ރިޔާސީ ލޯންޗޮކޮޅުގައި އެއްޗެއް ގޮއްވާލާ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ރޭވުމުގައި އިސްކޮށް ހުންނެވި ކުށް ސާބިތުވެ 15 އަހަރަށް އަހުމަދު އަދީބް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ހުކުމްކުރައްވާފައިވެއެވެ. އަދި މިދިޔަ އަހަރުގެ މޭޑޭގައި ފިސްތޯލައެއް ގެންގުޅުއްވި ކުށްސާބިތުވެ އަހުމަދު އަދީބު ދިހަ އަހަރަށް ޖަލަށްލުމަށްވެސް ކުރިމިނަލްކޯޓުން ހުކުމްކުރައްވާފައިވެއެވެ.