އެމެރިކާގެ އެންބީއޭގައި ކުޅުނު މެޗުގައި ފީނިކްސް ސަންސް އަތުން 126-124 އިން ނިއު އޯލިއާންސް ޕެލިކަންސް މޮޅުވެއްޖެއެވެ.
މިއީ އެންމެ ފަހުން ކުޅުނު ދިހަ މެޗުގެ ތެރެއިން ޕެލިކަންސް މޮޅުވި ފުރަތަމަ ފަހަރެވެ.
ނިއު އޯލިއާންސްގެ ސްމޫތީ ކިންގ ސެންޓަރުގައި ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާ ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައިރު، ޕެލިކަންސް އިން މި ކުއާޓާގައި ކުރިހޯދީ 34-33 އިންނެވެ.
ފުރަތަމަ ކުއާޓާއާ ހިލާފަށް ދެވަނަ ކުއާޓާގައި ސަންސް އިން ވަނީ ތަފާތު މޮޅު ކުޅުމެއްދައްކާ، އެ ކުއާޓާގައި 12 ޕޮއިންޓްގެ ލީޑަކާއެކު ނިންމާލައިފައެވެ. މިއާއެކު، ދެ ޓީމުން މެޗުގެ ފުރަތަމަ ކުއާޓާ ނިންމާލިއިރު ސަންސް އޮތީ 65-54 އިން ކުރީގަ އެވެ.
އެހެންނަމަވެސް، ދެން ޖެހިގެންއައި ތިންވަނަ ކުއާޓާގައި ޕެލިކަންސް ވަނީ 17 ޕޮއިންޓްގެ ލީޑަކާއެކު، 45-28 އިން ކުރިހޯދާފައެވެ. އަދި، އެއަށްފަހު ދެން ކުޅެވުނު ފަހު ކުއާޓާގައި ވަނީ 31-27 އިން ކުރިހޯދާފައެވެ.
މި މެޗުން ޕެލިކަންސް މޮޅުކޮށްދިނުމުގައި އިސްދައުރެއް އަދާކުރީ ބްރެންޑަން އިންގްރަމް އެވެ. އޭނާ ވަނީ 29 ޕޮއިންޓާއެކު ހަތް ރީބައުންޑް ނަގައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ސީޖޭ މެކްކޮލުމް ވަނީ 25 ޕޮއިންޓާއެކު ހަ އެސިސްޓް ހަދައިފައެވެ.
ސަންސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ޑެވިން ބުކާ އާއި ބްރެޑްލީ ބީލް އެވެ. ބުކާ ވަނީ 28 ޕޮއިންޓްއެއްކޮށްދީފައެވެ. ބީލް ވަނީ 24 ޕޮއިންޓްއެއްކޮށްފައެވެ. މީގެއިތުރުން، އެ ޓީމުގެ ގްރޭސަން އެލަން ވަނީ 13 ޕޮއިންޓާއެކު، 10 އެސިސްޓް ހަދައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ.
މި މުބާރާތުގައި ޕެލިކަންސް އަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު އޮކްލާހޯމާ ސިޓީ ތަންޑަރއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ހަމަ އެދުވަހު ސަންސް ނިކުންނާނީ މިއާމީ ހީޓްއާ ދެކޮޅަށެވެ.