ޚަބަރު

ދުންފަތުގެ އިސްތިއުމާލުކުރުން: ބަލިމަޑުކަމަށް ހުށަހެޅި، މަރުތައް އިތުރުވުމުގެ މައިގަނޑު ސަބަބު


  • ސީދާ ދުންފަތުގެ ސަބަބުން 172 މީހުން އަހަރަކު މަރުވާކަމަށް އެޗްޕީއޭއިން ވިދާޅުވޭ

ރާއްޖޭގައި އެންމެ ގިނައިން މީހުން ބަލިމަޑުކަމާއި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުންކަމަށް ދިރާސާތަކުން ދައްކައެވެ. ރާއްޖޭގެ މުޖުތަމައުގައި ގައިން ގަޔައް ނާރާ ބަލިތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވަމުންނެވެ.

އެޗްޕީއޭއިން ވިދާޅުވީގޮތުގައި ގައިން ގަޔައް ނާރާ ބަލިތަކުގެތެރޭގައި ހިމެނޭ ކެންސަރާއި ހިތުގެ ބަލިތަކަށް ހުށަހެޅޭ މައިގަނޑު ސަބަބީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ.

ސިއްހީ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެޗްޕީއޭއިން ވިދާޅުވީ ރާއްޖޭގެ ހާލަތައް ބަލާއިރު ރާއްޖޭގައި އެންމެ ގަނަ މީހުން ބަލިމަޑުކަމާއި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުންކަމަށެވެ. ހަގު އާބާދީ ދުންފަތަށް ހުށައެޅިފައިވާއިރު، ޒުވާނުންގެ ތެރޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް އަންނަނީ އިތުރުވަމުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހާއާއި، ދުންފަތުގެ އިސްތިއުމާލުކުރާއިރު ވަށައިގެން ތިބޭ މީހުންނަށްވެސް އޭގެ ދުމުގެ ސަބަބުން ބަލި ޖެހޭކަމަށް ދިރާސާތަކާއި، ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާގޮތުގައި ރާއްޖޭގެ އާބާދީގެ ކޮންމެ 4 މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހަކަށްވާއިރު، ދުންފަތާއި ގުޅުން ހުރި ބަލިތަކުގައި ކޮންމެ 2 ދުވަހުން 1 ދުވަހު މީހަކު މަރުވެއެވެ. އަދި ދުންފަތާ ގުޅުންހުރި ބަލިތަކުގައި ކޮންމެ އަހަރަކު 172 މީހުން މަރުވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ ރާއްޖެ ފަދަ އާބާދީ ކުޑަ ޤައުމަކަށް ކަންބޮޑުވާން ޖެހޭ އަދަދުތަކެކެވެ.

ރާއްޖޭގައި ޢުމުރުން 15 އަހަރާއި 65 އަހަރާއި ދެމެދުގެ އެކި ޢުމުރުފުރާގެ މީހުން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު ނުރައްކާ މިންވަރަކަށް އިތުރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ޢުމުރުން 15 އަހަރާއި 29 އަހަރާއި ދެމެދުގެ މީހުންގެތެރެއިން 20.1 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. އަދި ޢުމުރުން 30 އަހަރާއި 44 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން 29 އިންސައްތަ މީހުން އަދި ޢުމުރުން 45 އަހަރާއި 65 އަހަރާއި ދެމެދުގެ ޢުމުރުފުރައިގެތެރޭގައި %23.4 މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އާބާދީގައި ޢުމުރުން 13 އަހަރާއި 15 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ބަލާއިރު 45.7 އިންސައްތަ ކުދިން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިގޮތުން މިޢުމުރުގެ ކުދިންގެ ތެރެއިން 48 އިންސައްތަ ފިރިހެން ކުދިން އަދި 43.2 އިންސައްތަ އަންހެން ކުދިން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. އަދި 45.7 އިންސައްތަ ކުދިންގެ ތެރެއިން 17.1 އިންސައްތަ ކުދިންނަކީ އީ- ސިންގިރޭޓް ބޭނުންކޮށްފައިވާ ކުދިންކަމަށާއި %3.1 އަކީ ޝީޝާ ނުވަތަ ގުޑުގުޑާ ބޭނުންކޮށްފައިވާ ކުދިންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އެޅުއްވަމުންނެވެ. އެގޮތުން ބޮޑެތި މީހުންނާއި ކުޑަކުދިން އާދަޔާޚިލާފަށް ދެވިހިފައިފައިވާ ވޭޕް ނުވަތަ އީ-ސިނގިރޭޓު ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އަދި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެތަކެތި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ސިނގިރޭޓާ ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ނިންމެވުމަށް އަމަލު ކުރަން ފެށީ ނޮވެމްބަރު މަހުން ފެށިގެންނެވެ. މިއީ އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ނިންމެވި ނިންމެވުމެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް މިހާރުވެސް މާލޭގެ 4 ކްލިނިކް ވަނީ ޤާއިމުކޮށްފައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ސިއްޙީ ޚިދުމަތްދޭ ހުރިހާ ތަނަކުން އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.

މި ފިޔަވަޅުތައް އެޅި ނަމަވެސް އާންމު ފަރުދުންނާއި ޖަމުޢިއްޔާ ޖަމާއަތްތަކާއި މީޑިއާގެ އެއްބާރުލުން ބޭނުންވެއެވެ. މިކަމަކީ ފަރުދުންގެ ސިއްހީ ދުޅަހެޔޮކަމާއި ގުޅިފައިވާކަމަކަށްވާއިރު މިކަން ހައްލު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.