މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދާ "90 ޕްލަސް ގޯލްޑް ކަޕް 2024" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ހއ. ދިއްދޫ އާއި ދ. މީދޫ ވާދަކުރި މެޗު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގައި މިހާތަނަށް ސަރުކާރުގެ ބައެއް އިސްވެރިންނާއި ބައެއް މަޖިލިސް މެމްބަރުން ވަނީ ޝަރަފްވެރިކޮށްދެއްވާފައެވެ. އެގޮތުން ނައިބު ރައީސް އަލްއުސްތާޒް ހުސެއިން މުޙަންމަދު ލަތީފްވެސް ވަނީ މުބާރާތުގެ މެޗެއް ޝަރަފުވެރިކޮށްދެއްވާފައެވެ.
ހއ. ދިއްދޫ އާއި ދ. މީދޫ ބައްދަލުކުރި މެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗަށްފަހު "މޭން އޮފް ދަ މެޗް" އަށް ހޮވުނު ކުޅުންތެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޓްރޮފީ ޙަވާލުކޮށްދެއްވާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މީދޫއަށް ދެ ލަނޑު ޖަހައިދިން އިބްރާހިމް އިމްރާނެވެ.
ރާއްޖޭގެ 17 ރަށަކުން ވާދަކުރާ މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުރިޔަށްދަނީ ގަލޮޅު ދަނޑުގައެވެ. މިއީ ރާއްޖޭގައި ފުޓުބޯޅައިގެ ފޯރި ދިރުވާ އާލާކުރުމުގެ މަގުސަދުގައި އަމިއްލަ ފަރާތަކުން ބާއްވަމުން އަންނަ މުބާރާތެވެ.