ޚަބަރު

އާންމުންގެހުރި ކަންބޮޑުވުންތައް އަޑުއެހުމަށް "ފުލުހަކާއެކު ކޮފީއެއް"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް


  • މިޕްރޮގްރާމް ކުރިއަށްގެންދިޔައީ ހުޅުމާލޭ ފޭސް 2ގެ ނެއިބަރހުޑް ޕޮލިހުންގެ ފަރާތުން

  • ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ޕްރޮގްރާމްތައްވެސް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައި

ޢާއްމުންނާއެކު އެކުވެރި މާޙައުލެއްގައި ބައްދަލުވެލާ، ވާހަކަދައްކާލުމަށް ފުލުހުންގެ ޚިދުމަތުން "ފުލުހަކާއެކު ކޮފީއެއް"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ މިޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް ފުލުހުން ގެންދަވަނީ އެކިކަހަލަ ޕްރޮގްރާމްތައް ހިންގަވަމުންނެވެ. މިގޮތުން ބުރާސްފަތި ދުވަހު ފެއްޓެވި ""ފުލުހަކާއެކު ކޮފީއެއް"އަކީ ސިލްސިލާކޮށް ރައްޔިތުންނާ ގުޅިގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ޙާމިދާ ޢަބްދުލް ޢަލީމް ވިދާޅުވީ، ފުރަތަމަ ޕްރޮގްރާމް ކުރިއަށްގެންދެވީ ހުޅުމާލޭ ފޭސް 2ގައި ދިރިއުޅޭ ޢާއްމުންނަށް ހުޅުވާލައިގެންކަމަށެވެ.

މިގޮތުން ނުރަސްމީކޮށް ކޮފީއެއްގައި ފުލުހުންނާއެކު ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި ރައްޔިތުންގެ ހުރި ނުތަނަވަސްވާ ކަންކަމާއި ކަންބޮޑުވުންތައް ހިއްސާކޮށް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ޚިދުމަތް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަދެކެވުނުކަމަށް ޙާމިދާ ޢަބްދުލް ޢަލީމް ވިދާޅުވިއެވެ.

"އެކުވެރި މާހައުލެއްގައި އަމާން ވެއްޓެއް ޤާއިމުކުރުމަށް މީގެތެރެއިން މަސައްކަތްކުރާނީ. މީގެކުރިންވެސް އަވައްޓެރި ފުލުހުންގެ ފަރާތުން މިފަދަ އެކި ޕްރޮގްރާމްތައްވާނީ ކުރިއަށްގެންގޮސްފައި. އަޅުގަނޑުމެންގެ އަމާޒަކީ ފުލުހުންދެމުންގެންދާ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުންދެވޭނެ މަގުފަހިކުރުން" އިންސްޕެކްޓަރ އޮފް ޕޮލިސް ޙަމިދާ ޢަބްދުލް ޢަލީމް ވިދާޅުވިއެވެ.

"ފުލުހަކާއެކު ކޮފީއެއް" ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ބުރުޒު ކޭޓަރިންގ ކެފޭގައެވެ. މިފުރުސަތުގައި އެސަރަޙައްދުގައި ދިރިއުޅޭ ގިނަ ޢާއްމުންނާއި ފުލުހުންވަނީ ބައްދަލުކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި މިސިލްސިލާގެ އިތުރު ޕްރޮގްރާމްތައްވެސް ކުރިއަށްގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

އަމާން މުޖުތަމައުއެއް ޤާއިމުކުރުމަށް ފުލުހުންގެ ފަރާތުން ރައްޔިތުންނާއި ގުޅިގެން ކުރެވޭ ތަފާތު މަސައްކަތްތަކާ މެދު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް "ވޯކް އެންޑް ޓޯކް"ގެ ނަމުގައި މިދިޔަ މަހުގެ ތެރޭގައިވެސްވަނީ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައެވެ.