ޚަބަރު

މުވައްޒަފުންގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ތަމްރީނު ޕްރޮގްރާމްތަކެއް ދަނީ ހިންގަމުން: ވަޒީރު ރާފިޢު


ރަށްރަށުގައި ތިބި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ މުވައްޒަފުންގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށްޓަކައި މިހާރުވެސް މިނިސްޓްރީން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއި ކޮމިޓީގައި އަންގާރަ ދުވަހު އޮތް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ހއ އިން ފެށިގެން އައްޑޫއާއި ހަމައަށް ހުރިހާ ސްޓާފުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ޑިސެމްބަރުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށާއި، އެ ސްޓާފުން ތަމްރީނު ކުރުމަށްފަހު އެ ސްޓާފުންގެ ބޭނުން ހިފަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން އެކްޓިވިޓީސް ބޮޑަށް ގާއިމުކޮށް އެންގޭޖް ކުރުމަށް ކަމަށެވެ.

މީގެ އެންމެ ބޮޑު ބޭނުމަކީ އަދި އެންމެ މުހިންމު ކަމަކީ މީހުންގެ ފިޒިކަލް އެކްޓިވިޓީއަށް ހޭދަކުރާ އެއް ރުފިޔާ އަކީ ގައުމަށް ރައްކާކުރެވޭ ތިން ރުފިޔާ ކަމަށާއި، އޭގެ މާނައަކީ ފިޒިކަލީ އެކްޓިވްކޮށް ބަޔަކު ގެންގުޅެވިއްޖެއްޔާ އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ހޭދަވެސް މަދުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"
މެންޓަލް ކަންތައްތަކާއި މިހެންގޮސް އެކި ގޮތްގޮތަށް އަޅުގަނޑުމެން އެބަ ފައިސާ ހަރަދުކުރަން. އެހެންވީމަ އެ ފައިސާ ވަރަށް ބޮޑަށް ސޭވްވެގެން މުޅި ގައުމަށް އެބަދެއޭ ފިޒިކަލީ އެކްޓިވްކޮށް ކޮމިއުނިޓީއެއް ބޭއްވިއްޖެއްޔާ
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު

އެހެންވީމާ ރަށްރަށުގެ އިޖްތިމާއީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ދޭ މުސާރައާއި ތަމްރީނު ޕްރޮގްރާމްތަކަށް ކުރާ ހަރަދަކީ، އެ ތަމްރީނު ޕްރޮގްރާމްތައް ރަނގަޅަށް ގެންދެވިއްޖެނަމަ ފައިދާ ހުރި އެއްޗަކަށްވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުން ފިޒިކަލީ އެކްޓިވްކޮށް ގެންގުޅެވިއްޖެނަމަ އޮބީސިޓީ އާއި ނޮން ކޮމިއުނިކަބަލް ޑިޒީސަސް އާއި މެންޓަލް ސްޓްރެސް އާއި ނަފްސާނީ މައްސަލަތަކުގެ ސަބަބުން ބަލިތަށް ޖެހޭ މިންވަރު މަދުވެ އެކަމަށް ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޒުވާނުންގެ މަރުކަޒުތަކުގެ މުވައްޒަފުންގެ ބޭނުން އެންމެ ފައިދާހުރިގޮތުގައި ހިފުމަށް މިނިސްޓްރީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.