ޚަބަރު

އާނޯލްޑް ހޯދުމުގެ ރޭހުގައި ރެއާލުން މަޑުކުރަން ތައްޔާރު: ރިޕޯޓު


ލިވަޕޫލްގެ އިނގިރޭސި ފުލްބެކް، ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑްގެ ސޮއި ހޯދުމަށް ރެއާލް މެޑްރިޑުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގެ ނިޔަލަށް މަޑުކުރުމަށް ތައްޔާރަށް ތިބި ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެގޮތުން، ރެއާލުން އުއްމީދުކުރަނީ އެހާތަނަށް އަންނައިރު ހިލޭ ޓްރާންސްފާއެއްގައި އުމުރުން 26 އަހަރުގެ އާނޯލްޑް ގެންދިއުމަށް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެހެންކަމުން ކުރިއަށް އޮތް ޖަނަވަރީ މަހުގެ ތެރޭގައި އާނޯލްޑް ގެނައުމަށް ރެއާލުން މަސައްކަތްކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ފަހުގެ ހަބަރުތައް ބުނެއެވެ.

ރެއާލްގެ ޑިފެންސްގެ އެންމެ މުހިއްމު އެއްކުޅުންތެރިޔާ ކަމަށްވާ، ސްޕެއިނުގެ ފުލްބެކް ޑަނީ ކާވަހާލް އަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން ބަދަލުގައި ގެނައުމަށް އެންމެ ޝައުގުވެރިވާ ކުޅުންތެރިއަކީ އާނޯލްޑް އެވެ.

ލިވަޕޫލާއެކު އާނޯލްޑް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގައެވެ. މިއާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އައު ނުކޮށްފިނަމަ، އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެހެން ކްލަބުތަކާ މަޝްވަރާ ކުރެވޭނެ އެވެ.

އަދި، ކުރިއަށް އޮތް ދުވަސްތަކުގައި އާނޯލްޑްގެ ކޮންޓްރެކްޓް އާނުކޮށްފިނަމަ މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ލިވަޕޫލް ދޫކޮށްލައިފިނަމަ އެ ފެންވަރުގެ ކުޅުންތެރިއެއް ވިއްކާލައިގެން ލިބިދާނެ ބޮޑު އާމްދަނީއެއް ލިބޭނެ ދޮރު ވެސް އެ ޓީމަށް ބަންދުވާނެ އެވެ.

އެކަމަކު، މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅެމުން އަންނަ ހުރިހާ މުބާރާތެއްގައި ތަފާތު މޮޅުކުޅުމެއް ދައްކަމުން އަންނަ އާނެ ސްލޮޓް ލިވަޕޫލް ދޫކޮށް އެހެން ޓީމަކަށް ކުރިއަށް އޮތް ޖަނަވަރީ މަހުގެ ތެރޭގައި ބަދަލުވުމުގެ ފުރުޞަތު ދޭނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

ލިވަޕޫލްގެ ޒުވާން އުމުރު ފުރާގެ އެކި ޓީމުތަކަށް ކުޅެފައިވާ އާނޯލްޑް، އެ ކްލަބުގެ ސީނިއާ ޓީމަށް 300 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. އަދި، އިނގިރޭސި ގައުމީ ޓީމަށް ވެސް މިހާތަނަށް ކުޅުނު 33 މެޗުގައި ހަތަރު ލަނޑުޖަހައިފައިވެއެވެ.