ޚަބަރު

މަޔާމީ އަތުން ލޭކާސް ބަލިވެއްޖެ


އެމެރިކާގެ އެންބީއޭގައި ރަށުން ބޭރުގައި މަޔާމީ ހީޓް އަތުން 134-93 އިން ލޮސް އެންޖެލަސް ލޭކާސް ބަލިވެއްޖެއެވެ.

މިއީ ލޭކާސް އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ބަލިވި ހަވަނަ ފަހަރެވެ. އެ ޓީމު މޮޅުވީ އެންމެ ހަތަރު މެޗުންނެވެ.

މިއާމީގެ ކަސޭޔާ ސެންޓަރުގައި ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާ ފެށިއްސުރެ އެންމެ ފަހު ކުއާޓާ ނިމެންދެން މިއާމީން ވަނީ ލީޑް ދަމަހައްޓައިފައެވެ. އެ ޓީމުން 34-26 އިން ފުރަތަމަ ކުއާޓާ ނިންމާލިއިރު، ދެވަނަ ކުއާޓާގައި ކުރިހޯދީ 35-26 އިންނެވެ.

އަދި އޭގެފަހުން، ދެން ކުޅެވުނު ތިންވަނަ ކުއާޓާގައި 36-20 އިން މިއާމީ ކުރީގަ އޮވެ ނިންމާލިއިރު، ދެ ޓީމުގެ ފަރަގު އެންމެ ކުޑަކޮށް ފެނިގެންދިޔަ ފަހު ކުއާޓާގައި މިއާމީން ކުރިހޯދީ 29-21 އިންނެވެ.

މި މެޗުގައި މިއާމީ މޮޅުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރީ ޓައިލާ ހެރޯ އެވެ. އޭނާ އެއްކުރި 31 ޕޮއިންޓްގެ ތެރެއިން 21 ޕޮއިންޓް އެއްކޮށްފައިވަނީ ތިންވަނަ ކުއާޓާގައެވެ. މީގެއިތުރުން، އެ ޓީމުގެ ޖިމީ ބަޓްލާ 17 ޕޮއިންޓް އެއްކުރިއިރު، ބޭމް އަޑެބާޔޯ ވަނީ 14 ޕޮއިންޓާއެކު 10 ރީބައުންޑް ނަގައި، ހަތް އެސިސްޓް ހަދާފައެވެ.

ލޭކާސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ލެބްރޮން ޖޭމްސް އެވެ. ޖޭމްސް ވަނީ 29 ޕޮއިންޓްއެއްކޮށްފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ރުއީ ހަޗިމޫރާ ވަނީ 14 ޕޮއިންޓްއެއްކޮށްފައެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބޮސްޓަން ސެލްޓިކްސް ވަނީ 130-120 އިން ޑެޓްރޮއިޓް ޕިސްޓަންސް ބަލިކޮށްފައެވެ. މިނެސޯޓާ ޓިމްބަވުލްވްސް އަތުން 108-80 ގެ ތަފާތަކުން ލޮސް އެންޖެލަސް ކްލިޕަރސް ބަލިވިއިރު، އެޓްލާންޓާ ހޯކްސް އަތުން މިލްވައުކީ ބަކްސް ބަލިވީ 119-104 އިންނެވެ.