ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ މީހުން އެކަމާ ދުރުވާން ބާރުއެޅުމުގެ ގޮތުން ނިކޮޓިން ޕެޗާއި ގަމް ފަދަ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ސެޒޭޝަންގެ ޚިދުމަތަކީ ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ދޭ ޚިދުމަތެކެވެ.
ވަޒީރުންގެ މަޖިލީހުގެ ލަފައާ އެއްގޮތްވާ ގޮތުގެ މަތިން ސެޒޭޝަންގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ މިދިޔަ އޮކްޓޫބަރު 17 ވަނަ ދުވަހުއެވެ.
ސިއްޙަތާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ ސެޒޭޝަންގެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ކުއިކް ލައިނެއް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުއިކް ލައިންގެ ޚިދުމަތް ލިބެން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ކުއިކް ލައިންގެ ނަންބަރަކީ 1676 އެކެވެ. މިނަންބަރުގެ ޚިދުމަތް 24 ގަޑިއިރަށް ލިބޭނެކަމަށާއި ސެޒޭޝަންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުންވެސް މިހާރު ތަމްރީން ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ކުއިކް ލައިންގެ ޒަރިއްޔާއިން ގުޅައިގެން ފޯނުން ދެވޭ ޚިދުމަތްތަކުގެ އިތުރަށް ނިކޮޓިން އެޑިކްޝަނުން ދުރުވުމާ ގުޅޭ މަޢުލޫމާތުތައް ހިއްސާކުރާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ސިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ ދުންފަތުން ދުރުވުމަށް ބޭނުންވާ މީހުންގެ ފަރުވާގެ ކަންކަން އާސަންދައިން ލިބޭނެ ގޮތް ހަމަޖައްސާފައިވާކަމަށެވެ.
" ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ ނިކޮޓިން ޕެޗް އަދި ގަމް އާއި އެހެނިހެން ފަރުވާތައްވެސް އާސަންދައިން ލިބޭނެ ގޮތް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައި."ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ސެޒޭޝަންގެ ޚިދުމަތް މުޅި ރާއްޖޭގައި ފެށުމަށްޓަކައި ބަޖެޓް ހަމަޖައްސާފައިވާކަމަށެވެ. އަދި އެކަމަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ދެތިން މަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއްކަމަށެވެ.
ރާއްޖޭގައި މިވަގުތު ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ސެޒޭޝަންގެ ޚިދުމަތް މާލޭގައި ދެނީ 3 ހޮސްޕިޓަލަކުންނާއި ދަމަނަވެށިންނެވެ. އަދި އަތޮޅުތެރޭގެ 48 ތަނަކުން މި ޚިދުމަތް ލިބޭގޮތް ވަނީ ހަމަޖައްސާފައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރަން ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންގެ ދަށުން، މި ފާއިތުވި ދުވަސްތަކުގައި ގިނަ ފިޔަވަޅުތަކެއް ވަނީ އަަޅާފައެވެ. އެގޮތުން ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނާއި، އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނެސް ވޭޕްކުރަން ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން މިދިޔަ މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށް، މި މަހުގެ 15އިން ފެށިގެން އެ ތަކެތި ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އޭގެއިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު ތަންފީޒުކުރުމާއި އެ ގާނޫނު މިހާރަށް ވުރެ ހަރުކަށި ކުރުމަށް ބަދަލުތައް ގެންނަންވަނީ ނިންމަވާފައެވެ. މިގޮތުން ސިނގިރޭޓާއި ބިޑި ފަދަ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފައެވެ.