އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ ދެވަނަ މަގާމް ހޯދައިފި އެވެ.
ޗެލްސީ އަށް ވަނީ މިހާތަނަށް ކުޅުނު 14 މެޗުން 28 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. ތިންވަނައިގައި އޮތް އާސެނަލް އަށް ވެސް 28 ޕޮއިންޓް ލިބިފައިވާއިރު ޗެލްސީއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 14 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.
ރަށުން ބޭރުގައި ޗެލްސީ ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި ޗެލްސީގެ އެކްސެލް ދިސާސީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ސައުތެމްޓަންގެ ޖޯ އަރިބޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ޗެލްސީން މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 17 ވަނަ މިނިޓުގައި ކްރިސްޓޮފާ އެންކުންކޫ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގައި ޗެލްސީގެ ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 34 ވަނަ މިނިޓުގައި ނޮނީ މަޑުއެކޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޗެލްސީން މެޗުގެ ތިންވަނަ ލަނޑު ޖެހިތާ ފަސް ވަނަ މިނިޓުގައި ސައުތެމްޓަން އަށް ވަނީ އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެއީ ޗެލްސީގެ ކުކުރެލާގެ އިސްތަށިގަނޑަށް ދެމުމާއި ގުޅިގެން އެ ޓީމުގެ ސްޓެފަންސް އަށް ރެފްރީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.
މި މެޗުގައި ޗެލްސީން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކޯލް ޕާމާ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 9 ވަނަ ލަނޑެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ޖޭޑަން ސަންޗޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި ޗެލްސީއަށް ވަނީ އިތުރު ލަނޑުތަކެއް ޖަހާ ޕްރިމިއާ ލީގުގައި ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވާން ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ.