ޚަބަރު

ނިއުކާސަލުން ލިވަޕޫލް ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެކޮޅަށް ނިއު ކާސަލް ޔުނައިޓެޑް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

މި މެޗު އެއްވަރު ވެފައިވާއިރު ލިވަޕޫލް އަށް ލިބިފައިވާ 35 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޗެލްސީ އާއި ދެމެދު އަދިވެސް 7 ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ. ދިހަ ވަނައިގައި އޮތް ނިއު ކާސަލް އަށް 14 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ.

ނިއު ކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ކުޅުނު ފޯރިގަދަ މި މެޗުގެ 35 ވަނަ މިނިޓުގައި ނިއު ކާސަލްގެ އެލެކްޒެންޑަރ އިސާކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިއިރު ނިއު ކާސަލް 1-0 ގެ ލީޑަކުން ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ލިވަޕޫލްގެ ކާޓިސް ޖޯންސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި ނިއު ކާސަލް އިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 62 ވަނަ މިނިޓުގައި އެންތޮނީ ގޯޑޮން ކާމިޔާބުކޮށްދިން ލަނޑުންނެވެ. ގޯޑޮން މި ލަނޑު ޖެހުމުގެ ކުރިންވެސް އޭނާއަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ.

ދެވަނަ ފަހަރަށް ނިއު ކާސަލްއިން ލީޑު ނެގުމާއެކު ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ވަނީ އެ ޓީމަށް ތިން ބަދަލު ގެނެސްފަ އެވެ. އެގޮތުން ޑޮމިނިކް ސޮބޮޒްލާއި, ލުއިސް ޑިއާޒް އަދި އެލެކްޒެންޑަރ އާނޯލްޑް ވަނީ ކުޅެން އަރުވާފަ އެވެ.

ލިވަޕޫލް އިން މި ބަދަލު ގެނައިތާ މިނިޓެއް ފަހުން މުހައްމަދު ސަލާހް ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ސަލާހް ވަނީ އިތުރު ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް ލިވަޕޫލް އަށް މި މެޗުގައި ކުރި ހޯދަދީފަ އެވެ.

ނިއު ކާސަލް އަށް ޕޮއިންޓެއް ހައްގުވާފަދަ މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި ފަބިއަން ޝާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-3 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުން ލިވަޕޫލް މޮޅުވިނަމަ އެ ޓީމަށް ތާވަލުގެ ކުރީގައި 7 ޕޮއިންޓުގެ ލީޑެއް ލިބުނީހެވެ.