ޚަބަރު

ދިވެހި ގައުމިއްޔަތާއި ތަރިކަ ކުރިއެރުވުމަށް ރައީސް ޚާއްސަ އިސްކަމެއްދެއްވާ: ވަޒީރު އާދަމް ނަޞީރު


  • ޒަމާނަށް އަންނަ ބަދަލުތަކާއި އެއްވަރަށް ދިވެހިންގެ ވިސްނުންވެސް ބަދަލުވާންޖެހޭ

ދިވެހި ގައުމިއްޔަތާއި ތަރިކަ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު ސަމާލުކަމެއްދެއްވާކަމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހުރަވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހުރަވީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ ކޮންމެ ގައުމެއްގެ ހަޔާތަށް ބެލި ނަމަވެސް އެ ގައުމެއް އޮންނަނީ ރައްކަލާއި ނުރައްކަލުގެ ހާލަތުގެ މެދުގައި ކަމަށެވެ. އެ ދެ ހާލަތުގެ މެދުން އަންނަން އޮތް ޖީލުތަކަށް ދިވެހިންގެ ސަގާފަތާއި ތަރިކަ ވާސިލްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެކަން ކުރެވޭނީ ފިކުރީ ގޮތުން ބުއްދިއާއި ވިސްނުމަށް އަންނަންޖެހޭ ތަރައްގީ އައިސް ޒަމާނަށް ފެތޭ ގޮތަށް ލޯ ހުޅުވިގެން ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފިކުރީ ގޮތުން ދިވެހިންނަށް އަންނަންޖެހޭ ތަަރައްޤީ އަދި ޒަމާނަށް އަންނަ ބަދަލުތަކާއި އެއްވަރަށް ދިވެހިންގެ ވިސްނުންވެސް ބަދަލުވާންޖެހޭކަމަށެވެ. އަދި ދިވެހި ގައުމިއްޔަތާއި ތަރިކަ ކުރިއެރުވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރަށް ބޮޑު ސަމާލުކަމެއްދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މަލާބާރީންގެ އަތްދަށުން ދިވެހި ގައުމު ސަލާމަތް ކުރުމަށް ދިވެހިން ކޮށްފައިވާ ގައުމީ ޖިހާދަކީ ގައުމީ ލޯބި ވަޒަންކޮށްދޭ ވަރަށް މުހިއްމު ޖިހާދެއް. ދިވެހިން އޭރު އެކަން ކުރީ އެއްވެސް ބަޔަކާ ގުޅިގެން އަދި އެއްވެސް ބައެއްގެ އެހީތެރިކަން ހޯދައިގެން ނޫން." ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ މިނިވަންކަން ގެއްލޭ ކޮންމެ ފަހަރަކު ދިވެހިން އެ މިނިވަންކަން އަނބުރާ ހޯދާފައިވަނީ އެންމެން އެއްބައިވެ ސިއްރުން ރޭވިގެން ދީފައިވާ ކުއްލި ހަމަލާތަކެއްގެ ތެރެއިންކަން ފާހަގަކުރައްވާފައެވެ.

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ އެދުވަހުގެ ހާދިސާގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ދައްކާފައެވެ.