ލ. އަތޮޅުގެ ސުކޫލުތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ލާމަސީލު ލާމު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި 11 ޓީމެއް ބައިވެރިވެފައިވެފައިވާ ކަަމަށާއި، މިއީ ލާމަށް އަންނަ ފުޓްބޯޅައިގެ އީދެއް ކަމަށް ލ. އަތޮޅު ކައުންސިލުން ބުނެފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ސުކޫލުތަކަކީ މާވަށު ސްކޫލް، ހިތަދޫ ސްކޫލް، ކުނަހަންދޫ ސްކޫލް، މާމެންދޫ ސްކޫލް، ލާމު އަތޮޅު ތައުލީމީ މަރުކަޒު، ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލް، ލ. ގަމު އިހައްދޫ ސްކޫލް، ލ. އަތޮޅު މަދަރުސާ، ދަނބިދޫ ސްކޫލް، ކަލައިދޫ ސްކޫލް އަދި އިސްދޫ ސްކޫލެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޓީމުތައް 3 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި 4 ޓީމު ހިމެނޭއިރު، ކުއާޓާ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 އަދި 25 ގައެވެ. އަދި ސެމީ ފައިނަލް މެޗުތައް އޮންނާނީ މި މަހުގެ 27 ވާ ހުކުރު ދުވަހުއެވެ. އަދި ފަިއނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 29 ވަނަ ދުވަހެވެ.
"ޕީއެސްއެމް ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި ލ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޔޫސުފް އާމިރު ވިދާޅުވީ ލާމަސީލު ލާމު ފުޓްބޯޅަ މުބާރާތަކީ ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ގެންދެވޭ މުބާރަތަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ. އަދި އަންނަ އަހަރުން ފެށިގެން މި މުބާރާތުގައި 16 ސުކޫލެއް ވާދަކުރާނެ ކަމަށާއި، އެގޮތަށް ބަދަލުގެންނަނީ އަތޮޅުން ބޭރުން ބައެއް ސުކޫލުތަކަށް ފުރުސަތުދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ ސުކޫލުތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގެ މަގުސަދަކީ އަޚުލާގު ރަނގަޅު ފުޓްބޯޅަ ކުޅުންތެރިން އުފެއްދުން ކަމަށާއި، ލ. އަތޮޅުގެ ޒުވާނުން ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރާ ފެންވަރަށް ތަމްރީނުވުން ކަމަށެވެ. އަދި ގައުމީ ޓީމުގައި ލ. އަތޮޅުގެ ޒުވާނުން ފެނުމަކީ މި މުބާރާތުގެ އެއް މަގުސަދު ކަމަށްވެސް އާމިރު ވިދާޅުވިއެވެ.
މި މުބާރާތުގެ މެޗުތައް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު، އާމިރު ވިދާޅުވީ ގައުމީ ޓީވީ ޗެނަލުން މި މުބާރާތުގެ ހުރިހާ މެޗެއް ރާއްޖެއާއި ރާއްޖޭން ބޭރަށްވެސް ފެންނަގޮތް ވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.