ދީން

ޙައްޖު ކޯޕަރޭޝަނުގެ ޢުމްރާ ދަތުރުތައް


މީލާދީ އަހަރު ފެށޭއިރު، ޢުމްރާ ދަތުރުތައް އަހަރުގެތެރޭގައި ކުރާނެގޮތުގެ ތާވަލެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޢާއްމުކުރެއެވެ. މިއަހަރު އެންމެ ފުރަތަމަ ޢުމްރާ ދަތުރުކޮށްފައިވަނީ މާރޗްމަހު ސްކޫލް ބަންދާ ދިމާކޮށެވެ. އަދި އެއަށްފަހު ދެވަނަ ޢުމްރާ ދަތުރު ޚާއްޞަކުރީ ރަމަޟަންމަހުގެ ފުރަތަމަ ދިހައަކަށެވެ. މި ދަތުރުގައި ސޯޅަ މީހުން ޢުމްރާގެ އަޅުކަން އަދާކޮށްފައިވެއެވެ. އަދި މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި މި ރޯދަމަހު ޢުމްރާއަށްދާ ދެވަނަ ގްރޫޕް ފުރާފައިވަނީ މިމަހުގެ ސަތާރަ ވަނަ ދުވަހުގެރެއެވެ. މި ގްރޫޕްގައި 100 މީހުން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގައި ބައިވެރިވެއެވެ. 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް ކޯޕަރޭޓް އެފެއަރޒް އިބްރާހީމް ރަމީޒް ވިދާޅުވީ، ކޮންމެ އަހަރަކުވެސް އެންމެ ގިނަ ބަޔަކު ޢުމްރާއަށް ދަނީ ރަމަޟާންމަހުގެ ފަހު ދިހަޔާ ދިމާކޮށްކަމަށެވެ. ޢުމްރާ ދަތުރުގެ އަގަކީ 39965 ރުފިޔާއެވެ. ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކުރާކަމަށާއި، އެގޮތުން ބުރޫނާއީގެ ޙައްޖު ކޯޕަރޭޝަންގެ އޮފިޝަލުންނާ ބައްދަލުކޮށް އެމީހުންގެ ދަތުރުތައް އިންތިޒާމްކުރާ ގޮތާމެދު މަޝްވަރާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަހަރު އެންމެފަހު ޢުމްރާ ދަތުރު ރާވާފައިވަނީ މިއަހަރުގެ ފަހުކޮޅާ ދިމާކޮށް ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށްދާ މީހުންނަށް މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚީ ތަންތަނަށް ޒިޔާރާތްކުރުމުގެ ފުރުޞަތު ލިބިދޭނެކަމަށް އެކޯޕަރޭޝަނުން ހާމަކުރެއެވެ.