ޚަބަރު

ލިވަޕޫލާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން ސަލާހު ތައްޔާރު


ލިވަޕޫލާއެކު މުޙައްމަދު ސަލާހު ހަދާފައިވާ އެއްބަސްވުން އިތުރު އެއްއަހަރަށް އައުކުރަން ތައްޔާރަށް ހުރި ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 32 އަހަރުގެ ސަލާހު މިހާތަނަށް ހުރީ ލިވަޕޫލުން ކޮންޓްރެކްޓްގެ މަޝްވަރާތައް ކުރިއަށްގެންދާ ގޮތާ މެދު ހިތްހަމަނުޖެހިފައެވެ. އެގޮތުން، މިހާތަނަށްއައިއިރު އައު ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް މަޝްވަރާތައް ފަށާފައިނުވާ ކަމަށް ވެސް ސަލާހު ފާހަގަކުރެއެވެ.

މީގެ ހަތްވަރަކަށް އަހަރުކުރީން އިޓަލީގެ އޭއެސް ރޯމާ އިން ލިވަޕޫލަށް ސަލާހު ބަދަލުވީ، ބޯނަހާއެކު ގާތްގަނޑަކަށް 50 މިލިއަން ޔޫރޯ (43.9 މިލިއަން ޕައުންޑް) ގެ ފީއެއް ދައްކަން ލިވަޕޫލުން އެއްބަސްވުމުންނެވެ.

ލިވަޕޫލްގައި މިހާތަނަށް ހޭދަކުރީ މުއްދަތުގައި ސަލާހު ވަނީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަށް ވެފައެވެ. އޭނާގެ އެހީތެރިކަމާއެކު ލިވަޕޫލުން ވަނީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމާއި، ޔޫރަޕްގެ ކްލަބުތަކުގެ މެދުގައި ކުޅެވޭ ޝަރަފުވެރި މުބާރާތް ކަމަށްވާ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ވެސް ކާމިޔާބުކޮށްފައެވެ.

އެކަމަކު، ލިވަޕޫލާއެކު ސަލާހު އެންމެ ފަހުން ހެދި އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމާވާނެ އެވެ. މިހާތަނަށް އައު ކޮންޓްރެކްޓެއްގެ މަޝްވަރާތައް ފެށިފައިނުވާއިރު، އަންނަ ޖަނަވަރީ މަހުން ފެށިގެން އިންގްލެންޑުން ބޭރުގެ ކްލަބުތަކާއެކު އޭނާ އަށް މަޝްވަރާތައް ފެށޭނެ އެވެ.

މީގެކުރީން، ސަލާހުގެ މުސްތަގުބަލާ ގުޅޭގޮތުން، ސައުދީ ޕްރޯ ލީގާއި ޕީއެސްޖީއާ ގުޅުވައި އަޑުތައް ފެތުރިފައިވެއެވެ. އަދި، ވަރަށް ފަހުން ޚުދު ސަލާހު ވަނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން، "މަޑުކުރުމަށްވުރެ ދޫކޮށްލާފައި ދިއުން ގާތް" ކަމަށް ބުނެފައެވެ.

މި ފަހަރުގެ ސީޒަނުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދައްކަމުންއަންނައިރު، ޕްރިމިއާ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ވެސް އެ ޓީމު އޮތީ ތާވަލްގެ އެއްވަނައިގައެވެ. މީގެއިތުރުން، ސަލާހު ވެސް މިވަގުތު ހުރީ ރަނގަޅު ފޯމެއްގައެވެ. އޭނާ ވަނީ މިހާތަނަށް ހުރިހާ މުބާރާތެއްގައި ލިވަޕޫލަށް ކުޅުނު 20 މެޗުގައި 13 ލަނޑުޖަހައި، އިތުރު 11 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.