ޚަބަރު

ޗައިނާގެ އާރޓް ބިއެނާލޭގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


އަންނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އާރޓް ބިއެނާލޭގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި އާރޓިސްޓުންނަށް ހުޅުވާލައިފިއެވެ.

ޗައިނާގެ ބެއިޖިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ "ބެއިޖިންގ އިންޓަރނޭޝަނަލް އާރޓް ބިއެނާލޭ 2017" ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ން އޮކްޓޯބަރު މަހުގެ 15 އަށެވެ. ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވިދާޅުވީ މި ބިއެނާލޭގައި ބައިވެރިވާން އެދޭ ދިވެހި ފަންނުވެރިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށެވެ. ބިއެނާލޭގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކުން ފޮނުވަންޖެހޭ ތަކެތި އަންނަ އަހަރުގެ މެއިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ފޮނުވަންޖެހެއެވެ.

90 އަށްވުރެ ގިނަ ޤައުމުން ބައިވެރިވާ މި ބިއަނޭލޭގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ސިލްކް ރޯޑާއި ދުނިޔޭގެ ޙަޟާރަތްތައް" އެވެ.

ބިއަނާލޭގެ ޤަވާޢިދު ބުނާގޮތުން ބައިވެރިކުރުމަށް ހުށަހަޅާ މަސައްކަތްތަކަކީ ވޭތުވެދިޔަ 5 އަހަރު ތެރޭގައި ފުރިހަމަކޮށްފައިވާ އާރޓިސްޓިކް ހުނަރު ރަނގަޅު މަސައްކަތަށް ވާންޖެހެއެވެ. އަދި ހުށަހަޅާ މަސައްކަތް މިބިއަނާލޭގެ ޤަވާޢިދުގައިވާ ބަރުދަނާ ބޮޑުމިނަށްވެސް ފެތެންޖެހެއެވެ. ބިއަނާލޭގައި ބައިވެރިކުރުމަށް ހުށަހަޅާ މަސައްކަތްތައް ބެއިޖިންގއާ ހަމައަށް ގެންދިޔުމާއި އަނބުރާ ފޮނުވުމުގެ ޚަރަދުކުރާނީ ބިއަނާލޭގެ އޮގައިނައިޒިންގ ކޮމެޓީންކަމަށް އެމްބަސީން ވިދާޅުވެއެވެ.

މިއީ ޗައިނާ އާޓިސްޓްސް އެސޯސިއޭޝަނާއި ޕީޕަލްސް ގަވަރމަންޓް އޮފް ބެއިޖިންގ މުނިސިޕަލްޓީން އިސްނަގައިގެން ބާއްވާ މުބާރާތެކެވެ. މިއީ މީގެ 7 ވަނަ ބިއަނާލެއެވެ.

ދިވެހި އެމްބަސީން ވިދާޅުވީ ބިއަނާލޭއާބެހޭ އިތުރު މަޢުލޫމާތުތައް ޗައިނާގައި ހުންނަ ދިވެހި އެމްބަސީގެ ވެބްސައިޓުން ލިބޭނެކަމަށެވެ.