ވިޔަފާރި

އިންވެސްޓްމަންޓް ފޯރަމްގައި ގުޅުން ބަދަހިކުރުމަށް އިސްކަމެއް ދޭނެ

ރާއްޖޭގެ ވިޔަފާރިވެރިންނާއި އިންޑިއާގެ ވިޔަފާރިވެރިންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރެއްވުމަށް މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ޙާއްސަ އިސްކަމެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މިއަހަރުގެ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަހުގެތެރޭ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ. މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން ބޭރުގެ އިންވެސްޓަރުންނަށް މައުލޫމާތު ދިނުމަށްޓަކައި ބާއްވާ ފޯރަމެކެވެ. އެގޮތުން އޭގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ ސިންގަޕޫރުގައި އަދި އޭގެ ދެވެނަ ފޯރަމް ބާއްވާފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގގައެވެ.

ތިންވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އާއި ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީގު ވިދާޅުވީ މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ހުރިހާ ދާއިރާއެއްގެ ވިޔަފާރި ކުންފުނިތައް ބައިވެރިކުރަން ބޭނުންވާ ކަމަށާއި، އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތައް ފޯރަމުން ފެނިގެންދާނެ ގޮތަކަށް ފޯރަމް ބައްޓަންކުރައްވަމުންދާ ކަމަށެވެ. ތައުފީގު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖެ އިޝްތިހާރުކުރުމަށް ޙާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވާކަމަށެވެ.

ތައުފީގު ވިދާޅުވީ އިންވެސްޓްމަންޓު ފޯރަމް ބާއްވާނީ އޮގަސްޓުމަހުގެ ކޮން ތާރީޙެއްގައި ކަން ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. ތިން ވަނަ އިންވެސްޓްމަންޓް ފޯރަމް އިންޑިއާގައި ބާއްވަން ރައީސް އިއުލާން ކުރެއްވީ، ހުސްވި އަހަރު އިންޑިއާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިންނެވެ.