ޚަބަރު

ޙަލަބަށް ހަނގުރާމަވެރިން އެރުމުން ރަޝިޔާގެ ޖެނެރަލް ވަކިކޮށްފި


ސޫރިޔާގެ ހުޅަނގުއުތުރުގައި އޮތް ޙަލަބު ޕުރޮވިންސަށް ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން އަތްގަދަ ކުރުމާ ގުޅިގެން، ސޫރިޔާގައި ހަރަކާތްތެރި ރަޝިޔާ ސިފައިންގެ އިސް ޖެނެރަލް ސެރްގިޔޭ ކިސެލް އެ މަޤާމުން ވަކިކޮށްފިއެވެ. ޙަލަބު ޕުރޮވިންސް ހިފުމަށް އެޗްޓީއެސްގެ ހަނގުރާމަވެރިން މަސައްކަތް ފަށާފައި ވަނީ ނޮވެންބަރު 27ވަނަ ދުވަހުއެވެ. އެ ޕުރޮވިންސުގެ ވެރިރަށް، ޙަލަބު ސިޓީއާއި މައި ވައިގެ ބަނދަރު ވެސް މި ވަގުތު އޮތީ އެޗްޓީއެސްގެ ބާރުގެ ދަށުގައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރާއި އަސްކަރިއްޔާއަށް ރަޝިޔާއިން ދަނީ ވާގިވެރިވަމުންނެވެ. އަދި، ހަތިޔާރު އެޅި ޖަމާޢަތްތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހަނގުރާމަވެރިންގެ އަތްދަށަށް ޙަލަބު ވެއްޓިގެން ދިޔުމަކީ ފާއިތުވި އަހަރުތަކުގައި އަސަދުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ސޫރިޔާގައި ތިބި ރަޝިޔާ ސިފައިންގެ އިސް ކޮމާންޑަރު، ޖެނެރަލް ކިސެލް އެ މަޤާމުން ވަކިކޮށްފައިވާ ކަން ހާމަކޮށްފައި ވަނީ ރަޝިޔާގެ ދިފާޢީ ވުޒާރާއާ ގާތް ގުޅުމެއް ބާއްވަމުންދާ ބްލޮގަރުންނެވެ. އެ މަޢުލޫމާތު ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ރަޔިބާރް ޓެލެގްރާމް ޗެނަލާއި ވަޔިއެއްނީ ޕޮޒްނަވާޓިލް ބްލޮގް ހިމެނެއެވެ. ޖެނެރަލް ކިސެލް މަޤާމުން ފެޔަށް ޖައްސާފައިވާ ކަން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ކަަށަވަރު ކޮށްދީފައި ނެތް ނަމަވެސް، ބްލޮގަރުން ބުނީ ކާނަލް ޖެނެރަލް އަލެކްސާންދްރަ ޗައިކާ އޭނާގެ ޒިންމާތަކާ ޙަވާލުވެ ވަޑައިގަންނަވާފައިވާ ކަމުގައެވެ.

ސޫރިޔާއަށް ފޮނުވުމުގެ ކުރިން ޖެނެރަލް ކިސެލް ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ކުރީ ސަފުގައި ހަނގުރާމަ ކުރައްވާފައެވެ. އަދި، ޔޫކްރެއިންގެ ހަރްކިވް ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ރަޝިޔާގެ އަސްކަރީ ޓޭންކު ގުރޫޕެއްގެ ކޮމާންޑަރުގެ މަޤާމު ފުއްވާފައެވެ. ނަމަވެސް، 2022ވަނަ އަހަރު ޔޫކްރެއިންގެ ފައުޖުން ހިންގި ކައުންޓަރއޮފެންސިވް، ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭންގައި ޖެނެރަލް ކިސެލްގެ ބާރުގެ ދަށުގައި އޮތް ސިފައިން ފަހަތަށް ޖައްސައި، އެ ސަރަޙައްދު މިނިވަން ކުރިއެވެ.

2011ވަނަ އަހަރު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައިގެ ދަށުން ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލާފައި ވަނީ 2020ވަނަ އަހަރުގެ މާރިޗު މަހު ރަޝިޔާއާއި ތުރުކީވިލާތާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަތިޔާރު އެޅި ބައެއް ގުރޫޕުތަަކަށް ތުރުކީވިލާތުން ދަނީ ވާގިވެރިވަމުންނެވެ. ނަމަވެސް، ޙަލަބަށް އަތްގަދަ ކޮށްފައިވާ އެޗްޓީއެސަކީ ތުރުކީވިލާތުގެ އިތުރުން އެމެރިކާއިން ވެސް ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ބަލާ ގުރޫޕެކެވެ.

ޙަލަބަކީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއިން ހަނގުރާމަވެރިން އަތްގަދަކުރި ސަރަޙައްދެކެވެ. ނަމަވެސް، އަސަދަށް ވާގިވެރިވަމުން ދިޔަ ރަޝިޔާއާއި އީރާނުގެ އެހީތެރިކަމާ އެކު، ސޫރިޔާގެ އަސްކަރިއްޔާއިން 2016ވަނަ އަހަރު ވަނީ އެ ސަރަޙައްދުގައި ތިބި ހަނގުރާމަވެރިން ފަހަތަށް ޖައްސައި، އެ ސަރަޙައްދު މިނިވަން ކޮށްފައެވެ. އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ވެސް ވަނީ ސޫރިޔާގެ އަސްކަރިއްޔާއަށް ވާގިވެރިވެފައެވެ.

ޙަލަބަށް ވެރިވެގަނެފައިވާ އެޗްޓީއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް، ރަޝިޔާގެ އެހީތެރިކަމާ އެކު، ސޫރިޔާގެ އަސްކަރިއްޔާއިން ދަނީ ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ސޫރިޔާގެ އަސްކަރިއްޔާއިން ބުނީ، އެޗްޓީއެސުން އަތްގަދަ ކޮށްފައިވާ ޙަލަބު ޕުރޮވިންސުގެ ރަށްބޭރުގައިވާ ބައެއް ރަށްތަކާއި އަވަށްތައް މިނިވަން ކޮށްފައިވާނެ ކަމުގައެވެ.

ސޫރިޔާގެ މަސްރަޙު ފިނިކޮށް، ޙަމަލާ ބަދަލު ކުރުން ހުއްޓުމަކަށް ގެނައުމަށް ރަޝިޔާއާއި ތުރުކީވިލާތުން ވެސް ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްގިޔޭ ލެވްރޮފް ވަނީ ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކާން ފިދާނަށް ފޯނުން ގުޅުއްވާފައެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ، ސޫރިޔާގެ މަސްރަޙު ހޫނުވުމާއި، ހާލަތު އިތުރަށް ނުރައްކާތެރިވަމުން ދިޔުމާ ގުޅިގެން މައްސަލަތައް ޙައްލު ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ. އެޗްޓީއެސްގެ ހަނގުރާމަވެރިން ފަހަތަށް ޖެއްސުމަށް ސޫރިޔާގެ އަސްކަރިއްޔާއަށް ބޭނުންވާ ހަތިޔާރާއި ސާމާނު ފޯރުކޮށްދިނުމަށް ވެސް ރަޝިޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.